ލ. ކަލައިދޫގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި އަހުމަދު ވިޝާލް، އެކްސިޑެންޓު ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ޒަޚަމްތަކާއެކު އެ ރަށު ސިއްޚީ މަރުކަޒަށް ގެންދިއުމުން ގެއަށް ފޮނުވާލިކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްދޫ ކަލައިދޫ ސިއްޚީ މަރުކަޒަށް އުމުރުން 14 އަހަރުގެ ވިޝާލް ގެންދިއުމުން، ގެއަށް ފޮނުވާލާފައިވަނީ ލޭ ސާފުކޮށް ފެންވަރުވައިގެން ގެނެއުމަށް ބުނެއެވެ.
އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް މިމަހުގެ 31 ވަނަ ދުވަހު ވިޝާލް ވަނީ މަރުވެފައެވެ. ވިޝާލް މަރުވެފައިވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްގައި ވެންޓިލޭޓަރެއްގެ އެހީގައި ފަރުވާ ދެމުންދަނިކޮށެވެ.
ވިޝާލްގެ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ސިކުނޑި މަރުވެފައިވާތީ ޑޮކްޓަރުން ވަނީ އޭނާ ރަނގަޅު ވާނެކަމުގެ އުންމީދު މާކުރިން ކަނޑާލާފައެވެ. އެ އެކްސިޑެންޓް ހިނގީ ކަލައިދޫ ބޮޑު މަގުގައި ތިން ކުއްޖަކު ސައިކަލު ދުއްވަން ނިކުމެ އުޅެނިކޮށެވެ. އެ އެކްސިޑެންޓުގައި ބޮޑު އަނިޔާއެއް ލިބުނީ ވިޝާލްއަށް އެކަންޏެވެ.
އެކްސިޑެންޓްގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށް ސިއްޚީ މަރުކަޒަށް ވިޝާލް ގެންދިއުމުން އަނބުރާ ފޮނުވާލިކަން އެ ރަށު ކައުންސިލް މެންބަރެއް ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ވިޝާލް އަށް ފަރުވާ ނުދީ ފޮނުވާލީ މުޅި ހަށިގަނޑު ލެއިން ތަތްތެޅިފައި ވާތީ، ސާފުކޮށްގެން އައުމަށް ކަމަށް ބުނެއެވެ.
އެހެން ނަމަވެސް، އިސްދޫ ކަލައިދޫ ސިއްޚީ މަރުކަޒުގެ މެނޭޖަރު ޔޫސުފް ރިޔާޒް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެ ކުއްޖާ އަށް ވަގުތުން ފަރުވާ ދީފައިވާނެ ކަމަށެވެ.
ސިއްޚީ މަރުކަޒުން އެކަން ދޮގުކުރި ނަމަވެސް، ހެލްތު މިނިސްޓްރީން ދަނީ އެ މައްސަލަ ބަލަމުންނެވެ. ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިސްދޫ ކަލައިދޫ ސިއްޚީ މަރުކަޒަށް ލޭތަކާއެކު ގެންދިޔަ ބަލިމީހަކަށް ލޭަތައް ސާފުކޮށްގެން އައުމަށް އަންގައި ފޮނުވާލި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތް ކަމަށް ތަހުގީގުން އެނގިއްޖެ ނަމަ އެ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.