Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 14:16
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓްގައި
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓްގައި
ރައީސް އޮފީސް
ނައިބު ރައީސް ޖިހާދު
ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓް ޖިހާދަށް މިލްކޮށްދިނުމުގެ މަސައްކަތް އޭސީސީން ހުއްޓުވައިފި
ރަޖިސްޓްރީގެ މަސައްކަތް ފައްޓަވާފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި
ޖިހާދު އެއްވެސް ކުއްޔެއް ނުދައްކަވާ އަދިވެސް ދިރިއުޅުއްވަމުން ގެންދަވަނީ ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓްގައި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ރަސްމީ ގެކޮޅު ކަމުގައި ސަރުކާރުން އޭރު ހަަމަޖެއްސެވި ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓް އެ މަނިކުފާނަށް މިލްކުކޮށްދިނުމުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ނައިބް ރައީސްގެ ގެކޮޅުގެ ގޮތުގައި ޖިހާދު ދިރިއުޅުއްވަން ކުރީގެ ސަރުކާރުން ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓް ހަމަޖެއްސެވީ ނައިބު ރައީސް ދިރިއުޅުއްވުމަށް ކަނޑައަޅާފައި ހުންނަ ހިލާލީ ގޭގައި އޭރު ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވަމުން ގެންދެވުމުންނެވެ.  މުލިއާގެ ނުވަތަ ތީމުގެ ރައީސަށް ޚާއްސަކޮށްފައިވާ އިރު ނައިބު ރައީސުން ދިރިއުޅުއްވަނީ ހިލާލީ ގޭގަ އެވެ. ޔާމީންގެ ތިން ވަނަ ނައިބު ރައީސް ޖިހާދު، ރެހެންދި ފްލެޓުގައި ދިރިއުޅުއްވަން ޖެހިވަޑައިގަތީ ހިލާލީ ގޭގައި ޔާމީން ދިރިއުޅުއްވުމުންނެވެ.

މުއައްވިޒު ވިދާޅުވީ ޖިހާދަށް ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓް މިލްކުކޮށް ދިނުމުގެ މަސައްކަތް ހުއްޓުވައިދިނުމަށް އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ "ޕްރޮސެސް" ކުރިއަށް ގެންދިއުން ހުއްޓުވާފައިވާ ކަމަށެވެ. މުއައްވިޒު ވިދާޅުވީ އެ މައްސަލައަކީ މިހާރު އޭސީސިން ތަހްގީގްކުރަމުން އަންނަ މައްސަލައަކަށް ވާތީ، އެކަމުގެ ތަފްސީލް ހާމަކޮށްދެވެން ނެތް ކަމަށެވެ.

ސަރުކާރު ބަދަލުވެ ޖިހާދަށް ނައިބު ރައީސްކަން ގެއްލިފައިވާއިރު، ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖިހާދު އަދިވެސް ދިރުއުޅުއްވަމުން ގެންދަވަނީ ނައިބު ރައީސްގެ މަގާމުގައި އެ މަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ހަމަޖައްސަވައި ދެއްވި ރެހެންދި އެޕާޓްމަންޓްސްގެ ދެ ފްލެޓްގައެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ފްލެޓަށް ޖިހާދު  މިހާރު ވެސް ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ނުދައްކަވައެވެ.

ޖިހާދު ދިރުއުޅުއްވަން ދެއްވި ދެ ފްލެޓް އޭނާއަށް މިލްކުކޮށްދިނުމަށް އެދިފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރެހެންދި އެޕާޓްމަންޓްސްގައި ޖިހާދު ދިރިއުޅުއްވަމުން ގެންދެވި ދެ އެޕާޓްމަންޓް، އެ މަނިކުފާނަށް މިލްކުކޮށްދިނުމަށް އެދި ރައީސް އޮފީހުން ވަނީ ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އާ ސަރުކާރުން ވެރިކަމާއި ހަވާލުވިއރު، ހައުސިން މިނިސްޓްރީއަށް އެ "ޕްރޮސެސް" އެއްކޮށް ނިންމާލެވިފައިނުވާކަން ރާއްޖެ އެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ވަނީ އެނގިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް