Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2019 | ހޮނިހިރު 05:26
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
ޓެކްސްގެ ނިޒާމެއް ގެނެސްދެވޭނީ ހަމަ އެކަނި އެމްޑީޕީ އަށް: ނަޝީދު
މަޖިލީސް ނަޒާހަތްތެރި ވާނީ މަޖިލީހުގެ ހިންގާ ގަވާއިދު އިސްލާހު ކޮށްގެން ކަމަށް ނަޝީދު ވިދާޅުވި

ރާއްޖެ އަށް ޓެކްސްގެ ނިޒާމެއް ގެނެސްދެވޭނެ ހަމައެކަނީ ޕާޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)  ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ފެށުމަށް ހުކުރު ދުވަހުގެ ރޭ ކާނިވާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ އިޖްތިމާއި ރައްކާތެރި ކަމާއި، އާމްދަނީ އިތުރުކުރުމަށް ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދެވޭނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. 

''ވަކި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުން، އެއީ މި ޕާޓީ އަށް ވާނެ ކަމެއް. އެއްވެސް ޓެކްސް އެއް ނެގޭނީ އެމްޑީޕީ އަށް. މި ރާއްޖޭގައި ސަރުކާރު ހިނގައިފި ކިތަންމެ ފަހަރު . ބަޖެޓް ހުރީ ހަތް ބިލިއަން ގައި. އަމްދަނީއެއް ނުހޯދޭ. ޓެކްސްގެ ނިޒާމެއް މި ރާއްޖެއަށް ގެނެސްދެވޭނީ ހަމައެކަނި މި ޕާޓީއަށް،'' އެމަނިކުފާނު ވިދާޅުވިއެވެ.  

ރާއްޖެއަށް ޓެކްސް ނިޒާމު ތައާރަފުކުރީ 2010 ވަނަ އަހަރު އެމްޑީޕީ ސަރުކާރުންނެވެ. 

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރައްވައި މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަވެސް ކުރައްވާ ނަޝީދު މި ހަފްލާގައި ވިދާޅުވީ، 19 ވަނަ މަޖިލީސް ނަޒާހަތްތެރި ވާނީ މަޖިލީހުގެ ހިންގާ ގަވާއިދު އިސްލާހު ކޮށްގެން ކަމަށާއި، ''އެޖެންޑާ 19'' މެދުވެރިކޮށް އެކަން ކުރައްވާނެ ކަމަށެވެ.

އާ މަޖިލީހުން އެންމެ ބޮޑު ބޭނުމަކަށް ވާނީ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވައި ދިނުން ކަމަށާއި، އެ މެމްބަރުންނަކީ ރައްޔިތުންގެ ''ވަކީލުން'' ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުކޮށްފައި ވަނީ  އެޕާޓީގެ ތިން ވަނަ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށާއި، އެކަން ކުރުމަށް ރައީސް ސޯލިހު އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ވައުދު ފުއްދުމުގައި މި ސަރުކާރާއި ވަޒީރުންނާ މެދު އެއްވެސް ރައްޔިތެއްގެ ހިތުގައި ޝައްކެއް އުފައްދަން ނުޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.  

''އެމްޑީޕީ އަދި ރައީސް ސޯލިހު ވަޒީރުން އެތިއްބެވީ، ރައީސްއާއެކުގައި. ޕާޓީ އާއި އެކުގައި. ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް. އަޅުގަނޑުމެންގެ ވަޒީރުންނަކީ ތަޖުރިބާ ގިނަ ބޭފުޅުން،'' ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީ އަށް ލިބިފައިވާ ތަޖުރިބާގެ ތެރެއިން ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.  

އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ. އެމްޑީޕީން ވާދަނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް