Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 23:24
ޮޕީޕީއެމް އާއި ޕީއެންސީއިން ކޯލިޝަން ހެދުން
ޮޕީޕީއެމް އާއި ޕީއެންސީއިން ކޯލިޝަން ހެދުން
މުހައްމަދު ޝަރުހާން
ޕްރޮގްރެސިވް ކޮންގްރެސް
ޕީޕީއެމާއި ޕީއެންސީ ގުޅި، ޕްރޮގްރެސިވްސް ކޮންގްރެސް އުފައްދައިފި
އިތުރު 10 ދާއިރާއެއްގެ މަޖިލިސް ޓިކެޓް ވަނީ ދީފައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް އެއްބަސްވެ، ޕްރޮގްރެސިވް ކޮންގްރެސްގެ ނަމުގައި ކޯލިޝަނެއް އުފައްދައިފިއެވެ.

ހުކުރުދުވަހުގެރޭ އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ފަރާތުން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ އެވެ.

"ދެ ޕާޓީ ވުޖޫދުގައި އޮތްހާ ދުވަހަކަށް ދެމިގެން ދާގޮތަށް" ހެދުނު ކޯލިޝަން އެއްބަސްވުމެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަކުރެއްވި މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެ ކޯލިޝަނުން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށް އިތުރު 10 ފަރާތަކަށް އެ ކޯލިޝަންގެ ޓިކެޓު ދީފައެވެ. އެގޮތުން ޓިކެޓު ދީފައިވަނީ،

  • މާވަށު ދާއިރާ / މުޙައްމަދު ސައީދު (ޕީއެންސީގެ ނައިބު ރައީސް / ކުރީގެ އިކޮނޮމިކް މިނިސްޓަރ)
  • އުނގޫފާރު ދާއިރާ / ޢަބްދުލް މަތީން މުޙައްމަދު (ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް)
  • މަޑުއްވަރީ ދާއިރާ / އާދަމް ޝަރީފް އުމަރު (ޕީއެންސީގެ ނައިބު ރައީސް / ކުރީގެ ޑިފެންސް މިނިސްޓަރ)
  • ދިއްގަރު ދާއިރާ / ހީނާ ވަލީދު (ކުރީގެ ނޫސްވެރިޔާ)
  • ހޮޅުދޫ ދާއިރާ / އަޙުމަދު ހަމްދާން ނާސިރު
  • ހަނިމާދޫ ދާއިރާ / އިދްރީސް ޢަބްދުﷲ
  • ކުރެންދޫ ދާއިރާ / އާދަމް ތަޢުފީޤު
  • ކުޅުދުއްފުށި އުތުރު ދާއިރާ / ފާރޫޤު އަޙުމަދު
  • މަނަދޫ ދާއިރާ / އަލްއުސްތާޛް ހުސްނީ މުބާރިކް
  • ކެންދޫ ދާއިރާ / އަޙުމަދު ރިޒާ

މިހާތަނަށް ޕީޕީއެމްއިން މަޖިލިސް އިންތިޚާބުގެ ޓިކެޓު ދީފައިވާ ފަރާތްތައްވެސް ދެން އިންތިޚާބުގައި ވާދަކުރާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައިކަން އެ ކޯލިޝަނުން ހާމަކޮށްފައިވާއިރު، އެ ކޯލިޝަނުން މިހާތަނަށް ޖުމްލަ 63 ދާއިރާއެއްގެ ޓިކެޓު ޕްރައިމަރީއަކާއި ނުލައި އެކި ފަރާތްތަކަށް ވަނީ ދީފައެވެ. ބާކީ ހުރި ދާއިރާތަކުގައި ޕްރައިމަރީއެއް ޞޭއްވުމަށް އެ ކޯލިޝަނުން ނިންމާފައިވާއިރު، ހޮނިހިރު ދުވަހު ޕްރައިމަރީ އިއުލާނު ކުރާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.

ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ، މިހާތަނަށް ޓިކެޓު ދެވުނު ދާއިރާތަކަކީ އެކި ގޮތްގޮތުން ވާހަކަ ދެކެވި އެ ދާއިރާތަކުގައި ޕްރައިމަރީ ނުބޭއްވުމަށް ނިންމިފައިވާ ދާއިރާތައް ކަމަށެވެ. ރައީސް ޔަމީން ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީހުގެ ޖުމްލަ 87 ދާއިރާއަށް ވާދަ ނުކުރާނެ ކަމުގެ އިޝާރާތެއްވެސް ކުރައްވާފައެވެ.

ޕްރައިމަރީ އާއި ގުޅޭ ތަފްޞީލުތައް ޕްރޮގްރެސިވް ކޮންގްރެސްއިން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، އެ ޕްރައިމަރީ ބާއްވާނީ ދެ ޕާޓީގެ މެދުގައި ވަރަށް ހުޅުވާލެވިގެން ގުޅިފައިވާ ޕްރައިމަރީއެއްގެ ގޮތުގައިކަން އެ ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް