Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 20:03
ސައިކަލު ބުރި ނިންމާލުމަށް ފަހު މިނިސްޓަރ ނަހުލާ ވާހަކަ ދައްކަވަނީ
ސައިކަލު ބުރި ނިންމާލުމަށް ފަހު މިނިސްޓަރ ނަހުލާ ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ޓްރާންސްޕޯޓް މިނިސްޓްރީ
ބާރަށް ދުއްވުމަކީ ކޫލް ކަމެއް ނޫން، ގަވާއިދުގެ ތެރެއިން ފުރާނަ ސަލާމަތް ކުރުމަކީ ސަޅިކަމެއް: ނަހުލާ
ގާނޫނާއި ގަވާއިދައް ހުރުމަތްތެރިކޮށް ހިތުމަކީ ފަރުދީ ޒިންމާއެއް

"ބާރަށް ދުއްވުމަކީ ކޫލް ކަމެއް ނޫން، ގަވާއިދުގެ ތެރެއިން ފުރާނަ ސަލާމަތް ކުރުމަކީ ސަޅިކަމެއް" ކަމަށާއި މަގުމަތީގެ ރައްކާތެރިކަމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް މީހުން ހޭލުންތެރިކުރުމަށް ހުކުރު ދުވަހުގެ ހަވީރު "މީތި ސަޅި" ނަމުގައި ބޭއްވި ސައިކަލް ބުރު ނިންމާލުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާތަނަށް ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވި އޮތުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި މި ހިނގާ އެކްސިޑެންޓްތަކުގައި މިނިސްޓްރީގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށެވެ. ގާނޫނުތައް ތަންފީޒު ކުރެވޭނީ ކިހިނެއްތޯ ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކެބިނެޓަށް ކަރުދާހެއް ހުށަހަޅާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މީހެއްގެ ސަބަބުން އެކްސިޑެންޓެއް ވެއްޖެނަމަ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އަދަބުގެ އިތުރުން 10 އަހަރަށާއި 5 އަހަރު ނުވަތަ 2 އަހަރަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު ލިބިގެންވާކަމަށެވެ.

ފަރުދުން އެމީހުންގެ ޒިންމާ އަދާކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ. އެގޮތުން އެކްސިޑެންޓެއް ވުމުން އަނިޔާވާ މީހާގެ ފޮޓޯއާއި ވީޑިއޯ ފޯނުން ނެގުމުގެ ބަދަލުގައި އެހީތެރިވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވެވި އެވެ.

އެކްސިޑެންޓްވެގެން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށާއި މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުކުރުވީ އާއިލާތަކާއި ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމައްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކްސިޑެންޓްތަކުގައި އަނިޔާވާ ފަރާތްތަކުގެ އާއިލާއަށާއި ރައްޓެހިންގެ އިތުރުން ދިރިއުޅުމަށް އަންނާނެ ހިތްދަތިކަން ތަސައްވަރުކޮށް ތިމާގެ ފަރިތަކަމަށް ވުރެން އަނެކާގެ ނުފަރިތަކަމަށް ބަލައިގެން ދުއްވުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ބާރަށް ދުއްވުމަކީ ކޫލް ކަމެއް ނޫން، ގަވާއިދުގެ ތެރެއިން ފުރާނަ ސަލާމަތް ކުރުމަކީ ސަޅިކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ހަވީރު ބޭއްވި ސައިކަލު ބުރަކީ ބާރަށް ދުއްވުމާއި ގުޅިގެން ދިމާވާ ހާދިސާތަކަށް އާންމުން ހޭލުންތެރި ކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިންތިޒާމުކުރި ސައިކަލު ބުރެކެވެ . 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް