ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 20:11
އައްޑޫ ސިޓީގެ މަރަދޫ މަގުތައް
އައްޑޫ ސިޓީގެ މަރަދޫ މަގުތައް
ރާއްޖެއެމްވީ
އައްޑޫ ސިޓީ
އައްޑޫގެ މަގުތަކުގައި ރައްޔިތުންނަށް ހިނގާބިނގާވެ އުޅެން ދަތިވެއްޖެ!
މިމަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ތާރީހެއް ނޭނގޭ
ތާރު އެޅި މަގުވަނީ ވަރަށް ބޮޑަށް ހަލާކުވެފައި
ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށްދާގޮތުން ރައްޔިތުންނާއި އަދި ކައުންސިލްގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ ދާއިރާ މެމްބަރު ފައިސަލް އިބްރާހިމް ވިދާޅުވީ ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށާފައިވަނީ ރައީސް ޔާމިންގެ ސަރުކާރުގައި ކަމަށާއި މިމަސައްކަތް ކުރަމުންދަނީ އެމްޓީސީސީއާއި ހަވާލުކޮށްގެން ކަމަށެވެ.

އެގޮތުން މިމަޝްރޫއުގެ މަސައްކަތް ބިޑު ކުރުމުން އެމްޑަބްލިއުއެސްސީއާއި އެމްޓީސީސީން މިކަމަށް ކުރިމަތިލާ ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު އެމްޑަބްލިއުއެސްސީން މިމަސައްކަތް ކުރުމަށް ނިންމާފައިވަނީ ތާރު މަގުގެ ދެ ފަރާތުގެ ޕޭވްމަންޓު ކޮނެ ހޮޅި ވަޅުލާގޮތަށް ކަމަށާއި އަދި ރަށުގެ ދެ ފަރާތުގައި ބޮޑު ދެމަގު އޮތުމުން އެމަގުތަކުގައި ބޮޑެތި ހޮޅިތައް ވަޅުލާ ގޮތަށް ކަމަށެވެ. އަދި ތާރު މަގުގެ މެދުން ކޮނަން ޖެހިއްޖެ ނަމަ އެމަސައްކަތެއް ނިންމުމަށްފަހު އަލުން ތާރު އަޅާ މަގު އޮތް ފެންވަރަށް ހަދާ ގޮތަށް ކަމަށްވީ ނަމަވެސް މިމަަސައްކަތަށް އެމްޑަބްލިއުއެސްސީގެ ޕްރޮޕޯސަލް އަގުބޮޑު ކަަމަށް ފައިސަލް ވިދާޅުވިއެވެ.

މިމަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ އެމްޓީސީސީން މިހާރު މަސައްކަތް ކުރަމުންދަނީ ތާރު އެޅި މަގުގެ އެކި ސަރަހައްދުތައް ކޮނުމަށްފަހުގައި ކަމަށާއި އަދި މަަސައްކަތް ނިންމުމަށްފަހުވެސް ތާރު މަގުތަކުގައި ތާރު އަޅާފައި ނުވާ ކަމަށް ފައިސަަލް ވިދާޅުވިއެވެ.

މިއީ މިމަޝްރޫއުގެ މަސައްކަތް ބިޑް ކުރިއިރުވެސް އެމްޓީސީސީން އެއްބަސްވެފައިވާ ގޮތް ކަމަށްވާއިރު އެމްޑަބްލިއުއެސްސީން ހުށަހެޅި ޕްރޮޕޯސަލްއަށްވުރެ އެމްޓީސީސީގެ ޕްރޮޕޯސަލް އަގުހެޔޮވުމުން އެކުންފުންޏަށް މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް އަގުހެޔޮކޮށް މަސައްކަތްކޮށްދޭ ބަޔަކަށް މިފަދަ ބޮޑު މަޝްރޫއެއް ހަވާލުކޮށް ރަނގަޅު ފެންވަރެއްގައި މަރަދޫއިން ފެށިގެން ގަމާއި ހަމައަށް ހަދާފައިވާ ތާރު މަގު ހަލާކުކޮށްލަން ކުރީގެ ސަރުކާރުން ދިނުމަކީ ޤަބޫލުކުރަން ދަތި ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމްގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ އަހަރަކާއި ގާތްވެފައިވާއިރު ހޮޅިވަަޅުލުމުގެ މަސައްކަތް ސަބްކޮންޓްރެކް އުސޫލުން އެކި އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، މަސައްކަތް ނިންމުމަށްފަހު މަގުގެ ފަސްގަނޑު އެއްވަރު ކުރުމެއްނެތި ރައްޔިތުންނަށް ހިނގާބިނގާވެ އުޅެން އުނދަގޫ ގޮތްތަކަށް މަސައްކަތް ކުރުމަށްފަހު ނިންމާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިމަސައްކަތް ކުރިއަށްދާގޮތުން ފައިސަލް ވިދާޅުވީ މަސައްކަތް ނިންމުނު ނަމަވެސް ކުރިއަށް އޮތް މުސްތަޤްބަލުގައި އަލުން ގެޔަކަށް ނަރުދަމާ ނިޒާމްގެ ހޮޅި ވައްދަން ޖެހިއްޖެ ނަމަ އަނެއްކާވެސް ތާރު މަގު ކޮނަންޖެހޭނެ ކަމަށާއި މިނޫން ގޮތަކަށް މިކަން އިންތިޒާމްކުރެވެން ޖެހޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ ހިތަދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށްދަނީ އެމްޑަބްލިއުއެސްސީން ކަމަށާއި ތާރު މަގު ކޮންނަން ޖެހިއްޖެ ނަމަ އެމަސައްކަތެއް ކުރުމަށްފަހު މަގު ރަނގަޅު ފެންވަރަކަށް އެއްބަސްވެފައިވާ ގޮތަށް މަރާމާތުކުރާ ކަމަށެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑެތި މަގުތަކުގައި ނަރުދަމާ ނިޒާމްގެ މަސައްކަތްކުރިއަށްދާއިރު ދަތުރުފަތުރު ކުރާފަރާތްތަކަށާއި ހިނގާ މީހުންނަށް ބޮޑެތި އުނދަގޫތަކާއި ދަނީ ކުރިމަތިވަމުންނެވެ.

ރާއްޖެއެމްވީއާއި ވާހަކަދެއްކި ޑްރައިވަރަކު ބުނީ އައްޑޫ ސިޓީގެ ލިންޑްރޯޑު ފިޔަވައި މިހާރު ކާރު ދުއްވާލެވޭ ހަމައެއްވެސް މަގެއް ނެތް ކަމަށެވެ. މަގުގެ މެދުގައި ޖަންގޝަން ބެހެއްޓުމަށްފަހު މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި އެބަހުރި ކަމަށާއި އަދުި އަޅި ވަޅުލުމަށް މަގު މެދުގެ ތާރު ގަނޑު ނައްޓާފައި ހުރުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އައްޑޫސިޓީގެ ގުޅިފައިވާ މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އަދި ހިތަދޫގެ ބޮޑު މަގުގައި ތާރު އަޅާ ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް ވަނީ ޤާއިމްކޮށްދެއްވާފައެވެ.

އަދި މިމަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށްބަލާއިރު މިއީ މިމަޝްރޫއަށް އެމްޓީސީސީން ހުށަހެޅި ޕްރޮޕޯސަލްގެ ދެގުނަ އަގުބޮޑުކޮށް ކުރިއަށްދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މަސައްކަތް ނިންމާލެވޭނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް ފައިސަަލް ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫގެ ތަރައްޤީއަށް ސަރުކާރުންކޮށްދޭ މަސައްކަތްތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

- ކޮމެންޓް