Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 02:39
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޒީރާ ހޮޅުއަށީގައި ވާހަކަ ދައްކަވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޒީރާ ހޮޅުއަށީގައި ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ ދައުރު
ޖަޒީރާ ހޮޅުއަށީގައި ރައީސް: ރިޔާސީ ދައުރަށް ފަސް އަހަރު ގިނަ
ކައުންސިލްތަކަށް މާލީ ތަނަވަސްކަން ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި

ރިޔާސީ ދައުރެއްގެ މުއްދަތުގެ ގޮތުގައި ފަސް އަހަރަކީ ދިގު މުއްދަތެއް ކަމަށް ދެކިލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.  

ރިޔާސީ ދައުރުގެ މުއްދަތާ ގުޅޭ ގޮތުން ތަފާތު ވާހަކަފުޅެއް ރައީސް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެމަނިކުފާނު އިސްވެ ހުންނަވައިގެން ބޭއްވެވި "ޖަޒީރާ ހޮޅުއަށީގައި" އެމަނިކުފާނުގެ ފިކުރު ހިއްސާ ކުރައްވަމުންނެވެ.

އެމަނިކުފާނު ރިޔާސީ ދައުރާމެދު އެ މޭރުމުން ވާހަކަފުޅު ދެއްކެވީ، ކައުންސިލަރުންގެ ދައުރު ތިން އަހަރަށް އޮންނަ އޮތުމަކީ ކުރު މުއްދަތެއްކަމަށް ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ފާޅުކުރި ހިޔާލާ ގުޅިގެންނެވެ. ރައީސް ވިދާޅުވީ، ކައުންސިލަރުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރަން ޖެހޭ ބަޔަކަށްވާއިރު ތިން އަހަރުން އެއް ފަހަރު އިންތިހާބަކަށް ގޮސް ރައްޔިތުންގެ ގާތު އެމީހުން ކަންކުރާ ގޮތް އަހައި، އެފަރާތްތަކަށް އިތުރު ދައުރެއް ދޭން ފެނޭތޯ ބެލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި އެހެންކަމުން ތިން އަހަރަކީ ކުރު މުއްދަތެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި ހަމަ ގައިމުވެސް އެމަނިކުފާނަށް ފަސް އަހަރުވެސް ދިގު ކަމަށެވެ.  

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރަން ޖެހޭ ކައުންސިލަރުންގެ ދައުރު ކުރު ކަމަށެވެ. އެހެންކަމުން ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ކަނޑައެޅުމަށް އެދޭ ފަރާތްތަކުން އެމަނިކުފާނުގެ އެ ހިޔާލުފުޅާމެދުވެސް ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ލޯކަލް ކައުންސިލްތަކާއި ބެހޭ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއި ގުޅޭ ގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރު ކަމަށްވާއިރު ކައުންސިލަރުންގެ ދައުރުވެސް ހަމަ އެގޮތައް ބަދަލު ކުރަން ފެންނަ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ވަނީ ބުނެފައިއެވެ.  

ރައީސް ވަނީ އާންމުންގެ ބައެއް ހިޔާލުތަކަށް ވަރަށް ބޮޑަށް ތާއިދުވެސް ކުރައްވާފައެވެ. އެގޮތުން ކައުންސިލްތައް ލާމަޒުކަޒީ ކުރުމާއިމެދު ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ބާރުތައް ދޭން ޖެހޭ ކަމަށް އެމަނިކުފާނުވެސް ދެކިވަޑައިގަންނަވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ ކައުންސިލްތަކަށް އެރަށެއްގެ ފަޅާއި ބިންތަކުން ލިބޭ އާމްދަނީ ލިބޭނެ ގޮތް ހެދުމަށް ހުށަހަޅާފައެވެ. އަދި ދައުލަތައް ދޭން ޖެހޭ އާމްދަނީގެ ތެރޭގައި ރަށެއްގެ ބިން ކުއްޔަށް ދީގެން ލިބޭ އާމްދަނީ ނުހިމެނުމަށް ބައްދަލުވުމުގެ ބައިވެރިން ވަނީ ހުށަހަޅާފައެވެ.

އައްޑޫ ސިޓީ މީދޫގެ ބައެއް މީހުން ވަނީ އައްޑޫ ސިޓީގައި ވަކިން އޮންނަ މީދޫ އާއި ހުޅުދޫ އައްޑޫ ސިޓީގައި ހިމެނިފައި އޮންނަ އޮތުން ބަދަލު ކުރަން ޖެހޭ ކަމަށްވެސް ވާހަކަ ދައްކާފައެވެ. އެމީހުންގެ ހިޔާލުގައި، އެއް ފަސްގަނޑެއްގެ ގޮތުގައި ގުޅިފައި ނުވާ ރަށްތައް އެއީ އެއް ސިޓީއެއްގެ ގޮތުގައި ކަނޑަނޭޅޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަންޖެހެއެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވީ ސިޓީތައް ކަނޑައަޅާނެ އުސޫލުތަކަށްވެސް ބަދަލުތަކެއް ގެނައުމަށް އާންމުންގެ ތަފާތު ވިސްނުންތަކެއް އެބަ ހުރި ކަމަށާއި، ގުޅިފައިނުވާ ރަށްތަކެއް ހިމެނޭ ގޮތަށް ސިޓީއެއް ކަނޑަނޭޅުމަށް އާންމުން ދެކޭ ހިޔާލަކީވެސް ރަނގަޅު ވިސްނުމެއް ކަމަށެވެ.  

މި ބައްދަލުވުމުގައި ކައުންސިލްތަކުގައި އަންހެނުން ބާރުވެރިކުރުމަށް ގާނޫނަށް ގެނެވޭނެ އިސްލާހްތަކާ ގުޅޭ ގޮތުންވެސް ބައެއް މީހުން ހިޔާލު ބަދަލުކުރިއެވެ. ބައެއް މީހުން ދެކޭ ގޮތުގައި ކައުންސިލަރުންގެ ތެރެއިން އަންހެނުންނަށް ވަކި ވަރަކަށް ގޮނޑި ދިނުމަށް ޤާނޫނަކުން ކަނޑައަޅަން ޖެހެއެވެ. ނޫންނަމަ އަންހެނުން ކުރިއަރުވާ ކޮމެޓީގެ ތެރެއިން އެކަކު ކައުންސިލަރެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ހިޔާލު ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް