ދިވެހިރާއްޖޭގައި އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ގާނޫނީ އޮނިގަނޑު ގާއިމު ކުރުމަށްޓަކައި ތައުލީމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމްއެވެ.
ބުދަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެބިލްގެ އިބްތިދާއީ ބަހުސް ކުރުމަށް އެޖެންޑަކޮށްފައިވާއިރު، އެބިލް ފުރަތަމަ ކިޔުން އިއްވާފައި ވަނީ އަންގާރަ ދުވަހުގެ ޖަލްސާގަ އެވެ.
ތައުލީމުގެ ބިލްގައިވާ ގޮތުން މިއީ ގާނޫނުއަސާސީއަށާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށާއި، އިގްތިޞާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، އުނގެނުމުގެ ހައްގުން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ރާއްޖޭގައި ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށް ބުނެފައި ވެއެވެ.
އުނގެނުމުގެ ހައްގު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމުގައި ދައުލަތާއި މައިންބަފައިންނާއި ކިޔަވައިދޭ ފަރާތްތަކުގެ ޒިންމާތައް ވެސް އެބިލްގައި ކަނޑައަޅާފައި ވެއެވެ. އަދި މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެވޭނެ ނިޒާމެއް ކަނޑައެޅުން ކަމަށް ވެސް އެބިލްގެ މަގްޞަދުތަކުގެ ތެރޭގައި ވެއެވެ.
މީގެ އިތުރުން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމު ކޮށްދިނުން ހިމެނޭއިރު، އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި، އާއްމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިއްމުކަން އުނގަންނައިދޭ، އެކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމު ކުރުމާއި ގައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމައުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ ގާބިލް ދަރިވަރުން އުފެއްދުމަށް މަގުފަހި ކުރުން ކަމަށްވެސް އެބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ތައުލީމުގެ ބިލްގައި 19 ބާބު ހިމެނޭއިރު، 57 މާއްދާ ވެއެވެ.