Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 21:18
ދުންފަތުގެ ބާވަތްތަކުގެ ލޭބަލް ޖެހުމާ ބެހޭ ގަވާއިދު ރައީސް ސޯލިހު އިފްތިތާހު ކޮށްދެެއްވަނީ
ދުންފަތުގެ ބާވަތްތަކުގެ ލޭބަލް ޖެހުމާ ބެހޭ ގަވާއިދު ރައީސް ސޯލިހު އިފްތިތާހު ކޮށްދެެއްވަނީ
ރައީސް އޮފީސް
ސިގިރޭތް ވިއްކުމުގެ ގަވާއިދު
ވަކި ވަކިން ސިނގިރޭޓް ވިއްކާ ނަމަ ބޮޑު ޖުރިމަނާއެއް!
ސިނގިރޭޓް ޕެކެޓްތަކުގައި ޖަހާފައި ހުންނަ އިންޒާރުގެ އިބާރާތް ލިޔެފައި އޮންނަންވާނީ، ފަސޭހައިން ކިޔަން އެނގޭ ގޮތަށް
ގަވާއިދާ ހިލާފުވެއްޖެ ނަމަ ޖުމްލަ އަދަދުގެ 10 ގުނައިން އެ ފަރާތެއް ޖުރިމަނާ ކުރެވޭ

ސިނގިރޭޓް ވަކި ވަކިން ވިއްކުމާއި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމުގެ ގަވާއިދަށް އަމަލު ކުރަން ފަށާނީ މޭމަހުގެ 31 ކަމަށް ސަރުކާރުން ނިންމައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން ސަރުކާރުގެ ގެޒެޓް ކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި އުފައްދާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގައި ހުންނަންވާނީ ބަންދުކޮށްފައި ކަމަށެވެ. އަދި އެ ފޮށިތައް ބަންދުކޮށްފައި ހުންނަންވާނީ، ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދުނުވާނެ ގޮތަށް ކަމަށާއި، ބިޑި ޕެކެޓް ކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑިއަށް ވުރެ މަދު ނުވާނެ ގޮތަށް ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

ބިޑި އުފެއްދުމަށް ބޭނުންކުރާ ގޮށި ހަދަން ވާނީ، އެއްވެސް އެއްޗެއް ޗާޕުކޮށްފައި ނުވާ ނުވަތަ ލިޔެފައިނުވާ ސާފު ކަރުދާހެއްގައި ކަމަށް ވެސް ބުރާސްފަތި ދުވަހު ގެޒެޓްކުރި ގަވާއިދުގައި ވެއެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ސިނގިރޭޓް ޕެކެޓްތަކުގައި ޖަހާފައި ހުންނަ އިންޒާރުގެ އިބާރަތް ލިޔެފައި އޮންނަންވާނީ، ފަސޭހަ އިން ކިޔަން އެނގޭ ގޮތަށް ކަމަށެވެ. އިންޒާރުގެ ޢިބާރާތުގެ ނުވަތަ އިންޒާރުގެ ފޮޓޯ ހުންނަންވާނީ ފޮޓޯގެ މަތީގައި އެހެން ނަމެއް، ލޯގޯއެއް ނުވަތަ ކުރެހުމެއް ނުވަތަ އެއްވެސް ލިޔުމެއް ނުވަތަ މިފަދަ އެހެން އެއްޗެއް ވެސް ހުރެގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.

އެ ގަވާއިދުގެ ނުވަ ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން އިންޒާރުގެ ޢިބާރާތް ލިޔެފައި އޮންނަންވާނީ ނުވަތަ ފޮޓޯ ހުންނަންވާނީ ޕެކެޓުގައި ނުވަތަ ކާޓަނުގައި، އިންޒާރުގެ ނޯޓިސް ޗާޕު (ޕްރިންޓް) ކުރެވޭ ބައިގެ އެންމެ މަތީގައެވެ.  

މި ގަވާއިދުތަކާ ހިލާފުވު ވެއްޖެ ނަމަ، އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނައިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.

ދެވަނަ ފަހަރަށް ކުށް ތަކުރާރު ވެއްޖެ ނަމަ ބަޔާން ކޮށްފައިވާ ޖޫރިމަނާގެ އިތުރަށް 5،000ރ.، ތިން ވަނަ ފަހަރު 10،000ރ. އަދި ހަތަރުވަނަ ފަހަރު 20،000ރ. އިން ޖޫރިމާނާ ކުރާނެ ކަމަށް މުޅިން އަލަށް އެކުލަވައިލި ގަވާއިދުގައި ވާތީއެވެ. 

ދުންފަތުގެ ބާވަތްތަކުގެ ލޭބަލް ޖެހުމާ ބެހޭ ގަވާއިދު ބުރާސްފަތި ދުވަހު އިފްތިތާހްކޮށްދެއްވާފައި ވަނީ  ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް