Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 23:21
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަފްޝަން ވާހަކަ ދައްކަވަނީ:-
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަފްޝަން ވާހަކަ ދައްކަވަނީ:-
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
އެމްޑީޕީގެ ކެންޑިޑޭޓުން އިލެކްޝަނަށް ފޯމް ހުށައެޅުން ފެށޭ ހަފްތާގައި
ބޮޑު ޖަލްސާއަށް ފަހު ކެޕްއިން ހަރަކާތްތައް ފެށިގެންދާނެ

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމް މި ފެށޭ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ހަމަޖައްސާފައިވާކަމަަށް އެ ޕާޓީން ބުނެފިއެވެ. 

ބުރާސްފަތި ދުވަހުގެ މެންދުރު ފަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަފްޝަން ލަތީފު ވިދާޅުވީ، މި ފަހަރުވެސް އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން އިލެކްޝަނަށް ފޯމް ހުށައެޅުން އޮންނާނީ އެއް ދުވަހެއްގައި ކަމަށެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުއްވުމަށް ހުރިހާ ކެންޑިޑޭޓުންވެސް ވަޑައިގަންނަވާނީ އެމްޑީޕީގެ އޮފީހުން ފެށިގެން އެކުއެކީގައި ހިންގަވާފައި ކަމަށެވެ.  

މަޖިލިސް އިންތިހާބަށް ކެމްޕެއިން ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ހަރަކާތަކީ ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއެވެ. އަފްޝަން ވިދާޅުވީ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ޖަލްސާގައި އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ ޓިކެޓް ހަވާލު ކުރުން އޮންނާނެކަންވެސް އަފްޝަން ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ކެމްޕެއިން ލޯންޗު ކުރުމަށްފަހު ކެންޑިޑޭޓުން ކެމްޕެއިން ހަރަކާތްތައް ވަކިވަކިން ކުރިއަށް ގެންދާއިރު އެމްޑީޕީންވެސް ކެންޑިޑޭޓުންނަށް ތާއީދު ހޯދަދިނުމަށް ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށައަޅަން ގަސްތުކުރާ ބިލްތަކަށް ހިޔާލު ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައިގެން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ބޭފުޅުން އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެ ކުރައްވާ ކަންކަމުގެ މައްސަލަތައް ޕާޓީއަށް ހުށަހަޅައިފިނަމަ އެ މައްސަލަތައް ބަލާނެ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް