ފެބުރުއަރީ މަހު ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާއިރު 13 ރަށުގެ މައްޗަށް އެކުލެވޭ ހދ އަތޮޅު ކައުސިލްއިދާރާ އަތޮޅުގެ އެހެން ރަށަކަށް ބަދަލުވެގެން ދާނެއެވެ
މި މައްސަލަ ބޮޑު ބަހުސަކަށް ވެފައިވާއިރު ކުޅުދުއްފުށި ފިޔަވައި އަތޮޅުގައި ދެން އޮތް 12 ރަށުގެ ތެރެއިން ގިނަ ރައްތަކެއްގެ މީހުން އަތޮޅު ކައުންސިލް އެރައްތަކަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅު ކުރަމުން ދާ މި ދަނޑިވަޅުގައި ކޮންމެ ބަޔަކު ވެސް ބުނަމުން ދަނީ އަތޮޅު ކައުންސިލް ގެނައުމަށް އެންމެ އެކަށީގެންވާ ރަށަކީ އެބައެއްގެ ރަށް ކަމަށެވެ.
އެގޮތުން ބައެއްރައްތަކަށް އެރަށަކަށް ކިޔާނަމުގެ މާނައަށް ބަލާފައިވެސް އަތޮޅު ކައުންސިލް އޮންނަން ޖެހޭނީ އެރަށެއްގައި ކަމަށް ބުނަމުން ދެއެވެ. އެގޮތުން ނޮޅިވަރަމްގެ ރައްޔިތެއް އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ އިލިޔާސް ސުޖާއު ބުނެފައިވަނީ " ރަށުގެ ނަމުގެ މާނައަށް ބަލާއިރު "ނޮޅިވަރަމް" ގެ މާނައަކީ "އަތޮޅަށް ވަންނަ ކަނޑުއޮޅި އޮންނަ މެދުގައި އޮތް ރަށް" އެހެން ކަމުން ރަށުގެ މާނައަށް ބަލާއިރު ހުރިހާ ރަށެއްގެ މެދުގައި އޮންނަ ރަށަށް ވުމުން ވެސް އަތޮޅު ކައުންސިލް ބަދަލު ކުރަންޖެހޭނީ ނޮޅިވަރަމަށް ކަމަށެވެ.
މީގެ އިތުރުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާއިރު، އެއަތޮޅުގެ ވެރިކަން ބަދަލުކުރަން އެންމެ ރަނގަޅީ ހަނިމާދޫކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ ވިދާޅު ވެފައި ވެއެވެ. މެންބަރު ޝަހުދީ ވިދާޅުވީ "އަތޮޅުގެ ވެރިކަން ކުރާ ރަށަކަށް ހަނިމާދޫ ވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް. ތަރައްގީއާ، ވަސީލަތްތަކަށް ބަލާއިރު، އަތޮޅުވެރިކަން ބަދަލު ކުރަން އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ހަނިމާދޫ"
ރަށްރަށުގެ އާބާދީއަށާއި ބިމުގެ ބޮޑު ކަމަށް ބަލާ އެރަށަކަށް އަތޮޅު ކައުންސިލް ގެންނަން ޖެހޭ ކަމަށް ބުނާ މީހުންވެސް މަދެއްނޫނެވެ . އެގޮތުން ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ "1996 ވަނަ އަހަރުގެ މޭމަހު އޭރުގެ އަތޮޅުވެރިކަން ކުޅުދުއްފުއްޓަށް ގެންދަން ޖެހުނީ ނޮޅިވަރަންފަރުގައި އާބާދީ މަދުވުމުން. ނަމަވެސް މިހާރު މިވަނީ ހާލަތު ބަދަލުވެފައި. އާބާދީ އެތައް ގުނައަކަށް އިތުރު ވެފަ. އަދި އިތުރަށް 2000 އެއްހާ މީހުން އެރަށުގައި އާބާދުވެވޭނެ ޖާގަޔާއި އަދި ހައުސިން ޔުނިޓްތައް ވެސް އެބަހުރި"
އޭނާ ވިދާޅުވިގޮތުގައި އަތޮޅުވެރިކަން ބަދަލު ކުރެވޭނެ ފަދަ އޮފީސް އިމާރާތަކާއި އިންސާނީ ވަސީލަތް ވެސް އޮތީ ތަރަށްގީވެފައެވެ.
ހދ. އަތޮޅު ކައުންސިލުން ބުނީ ކުޅުދުއްފުއްޓަށް ފެބްރުއަރީމަހުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ލިބޭނެ ކަމަށާއި، ސަރުކާރުން އެކަމުގެ ޔަގީންކަންދީފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލަން ރައީސް އޮފީހާއި ބަންޑާރަ ނައިބު އޮފީހުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ދާދި އަވަހަށް މިމަސައްކަތް ނިމެނޭ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެއީ ސިޓީއެކެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ 2018 ވަނަ އަހަރެވެ. ނަމަވެސް އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުން ލަސްވެފައިވަނީ ގާނޫނީ ހުރަސްތަކެއް ހުރުމުންނެވެ.
މިއީ ރަށެއް ސިޓީއަކަށް ހަދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށް ފަހު އެ އަތޮޅުގެ ވެރިކަން ކުރާ ރަށެއް ކަނޑައަޅަން ޖެހެއެވެ.
ވެރިކަން ކުރާ ރަށް ކަނޑައެޅުމަށް ގާނޫނެއް ފާސްކޮށްފައި ވެއެވެ. ގާނޫނު ނަމްބަރު 2011/6 "އިދާރީ ދާއިރާތަކުގެ ވެރިކަން ކުރާ ރަށް ކަނޑައެޅުމުގެ ގާނޫނު"ގައި ވެރިކަން ކުރާރަށް ކަނޑައެޅުމަށް ޓަކައި ބަލަން ޖެހޭ ކަންތައްތަކަކާއި ނިންމަންޖެހޭ ނިންމުންތަކެއް އޮވެއެވެ. އަދި މިހުރިހާ ބާރުތަކެއް ވެސް ލިބިފައިވަނީ އަތޮޅު ކައުންސިލަށެވެ. ގާނޫނުގައި ލާޒިމް ކުރާ ކަންކަމަށް ބަލާއިރު ފުރަތަމަ ކަމަކަށް އިދާރީ ދާއިރާގައި ހިމެނޭ ރައްރަށުގެ ރައްޔިތުން ވެރިކަން ކުރާރަށް ކަމަށް ކަނޑައެޅޭ ރަށަށް ދަތުރު ކުރުމަށް ހޭދަކުރަންޖެހޭ ވަގުތާއި ދުރުމިން ބަލަން ޖެހެއެވެ.
މީގެ އިތުރުން ވެރިކަން ކުރާ ރަށް ކަނޑައެޅުމަށް ޚިޔާރު ކުރެވޭ ރަށުގެ ފަޅަކީ ލަފާ ފުރުމަށާއި އޮޑި ދޯނި ފަހަރު ގެންގުޅުމަށް ފަސޭހަ ފަޅަކަށްވުން ހިމެނޭއިރު ވެރިކަން ކުރާ ރަށް ކަމަށް ކަނޑައެޅޭ ރަށަކީ އެރަށް ހިމެނޭ އިދާރީ ދާއިރާތަކުގެ ތަރަށްގީގެ ނާރެސް ކަމަށް ހެދުމުގެ ފުރުސަތު އޮތް ރަށަކަށްވުން ވެސް ހިމަނާފައި ވެއެވެ. ހަތަރުވަނަ ކަމަކަށް ވެރިކަން ކުރާ ރަށް ކަނޑައެޅުމަށް ޚިޔާރު ކުރެވޭ ރަށަކީ ތަރައްގީގެ ވަސީލަތްތައް ގާއިމް ކުރުމަށް ބޭނުންވާ ބިމާއި އެހެނިހެން ޚިދުމަތްތަކާއި ފަސޭހަތައް އުދަގުލެއްނެތި އުފެއްދެން ނުވަތަ ލިބެން ހުރި ރަށަކަށް ވާންޖެހެއެވެ. ފަސްވަނަ ކަމަކީ ވެރިކަން ކުރާރަށް ކަމަށް ކަނޑައެޅުމަށް ޚިޔާލު ކުރެވޭ ރަށުގެ އާބަދީއަކީ އެރަށް ހިމެނޭ އިދާރީ ދާއިރާގައި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަށް ގެންދިއުމަށް މަގުފަހި ކުރެވޭ ފަދަ ނިސްބަތެއްގެ އާބާދީއަކަށް ވުމެވެ.
މި މައިގަނޑު ފަސް ނުގުތާގެ މައްޗަށް އަތޮޅު ކައުންސިލުން ކަރުދާހެއް އެކުލަވާލާ އެ ކަރުދާސް އެހެން ރަށްތަކާއި ހިއްސާކޮށް އެރަށްތަކުގެ އަހުލުވެރިންނަށް އެ މައުލޫމަތު ފޯރުކޮށް ދޭންޖެހެއެވެ. ހަމަ އެއާއެކު އަތޮޅު ކައުންސިލްގެ ގޮތުގައި ކަނޑައަޅާނެ ރަށެއް އަތޮޅު ކައުންސިލްގެ އަގުލަބިއްޔަތުން ފާސްކުރުމަށް ފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަންޖެހެއެވެ. ނަގާ ވޯޓްގެ ކަންކަން އިންތިޒާމް ކުރާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
މިހުރިހާ ކަމެއް ކަޅާއި ހުދުން ގާނޫނެއްގައި ލިޔެފައިވާއިރު އަތޮޅު ކައުންސިލް ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ ރައްތަކުން ބުނަމުން ދަނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވާ ހަމައެކަނި ރަށަކީ އެބައެއްގެ ރަށް ކަމަށެވެ