Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 18:54
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ސިނގިރޭޓް ފޮށީގައި ފޮޓޯ ޖަހައި ވަކިން ސިނގިރޭޓް ވިއްކުން މަނާކޮށްފި
ދުންފަތުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ގިނަ ކަމަށް ރައީސް ވިދާޅުވި
އާސަންދައިން ކޮންމެ އަހަރަކު އެންމެ ގިނަ ހޭދައެއް ކުރަންޖެހެނީ ދުންފަތާ ގުޅުން ހުރި ބަލިތަކަށް

ސިނގިރޭޓް ފޮށީގައި ފޮޓޯ ޖަހައި ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމުގެ ގަވާއިދު އިފްތިތާހުކޮށްފިއެވެ.

ދުންފަތުގެ ބާވަތްތަކުގައި ފޮޓޯ ލޭބަލް ޖެހުމާއި ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމާ ބެހޭ ގަވާއިދު ބުރާސްފަތި ދުވަހު އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އާސަންދައިން ކޮންމެ އަހަރަކު އެންމެ ގިނަ ހޭދައެއް ކުރަން ޖެހެނީ ދުންފަތާ ގުޅުން ހުރި ބަލިތަކަށް ކަމަށެވެ. އަދި ހަމައެއާ އެކު މި ކަމަކީ ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ދުންފަތާ ގުޅުން ހުރި ބަލިތަކުގެ ސަބަބުން ދެ އަތް އުރާލައިގެން މި އަޑުތައް އަހަން ތިބެވެން މިއަދަކު ނެތް ކަމަށާއި، ދުންފަތާ މެދު އިތުރަށް ހޭލުންތެރި ކުރަންޖެހޭ ކަމަށެވެ.  

ބުރާސްފަތި ދުވަހު ގެޒެޓްގައި އެކުލަވައިލެވުނު މި ގަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ގެއްލުމާ މެދު އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ވަކިން ސިނގިރޭޓް ވިއްކުން ހުއްޓުވުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

 ''ދުވާލަކު ސިނގިރޭޓް ފޮށްޓެއް ބޭނުންކުރާ މީހަކަށް، އަހަރެއްގެ ތެރޭގައި ހަތްހާސް ތިންސަތޭކަ ފަހަރު މި އިންޒާރުގެ މެސެޖް ފެންނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިފަދަ އިންޒާރުތައް ފެނި، އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވުމުން، ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުވެގެންދާނެ. އަދި މިއީ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް، އަޅުގަނޑުމެންގެ މުސްތަޤްބަލުގެ ރައުސްމާލު، ދުންފަތުން ރައްކާތެރި ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް،'' ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކާ ދުންފަތުގެ އުފެއްދުންތަކުގައި، 2004 ވަނަ އަހަރުން ފެށިގެން އިންޒާރުގެ މެސެޖްތައް ޖަހަމުން އައީ، ވަރަށް ފަނޑުގޮތަކަށް ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އޭރު ޖަހަން ފެށި މެސެޖްތަކަށް މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު އިތުރުވެގެން ހިނގައްޖެ ކަމަށެވެ. 

ރާއްޖޭގައި ދުންފަތުގެ އިސްތިމާލުކުރާ މީހުން އަދަދު ގިނަވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކުން މަހެއްގެ މައްޗަށް 1800 އާއި 3500 ދެމެދުގެ އަދަދެއް ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހޭދަކުރާ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ އާބާދީއެއްގެ ނިސްބަތުން އެ އަދަދަކީ ބޮޑު އަދަދެއް ކަމަށެވެ.

''ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން މަރުވަނީ ގައިން ގަޔަށް ނާރަ ބަލިތަކުގެ ސަބަބުން. ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓޮރޯކާ ފުއްޕާމޭގެ ބަލިތަކާއި ކިޑްނީ އާއި ގުޅުން ހުރި ބަލިތަކުގައި،'' އެމަނކިފާނު ވިދާޅުވިއެވެ.

މި ފަދަ ބަލިތަކަށް މީހުން ވާސިލުވާ މައިގަނޑު އެއް ހިރާސްއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.  

ބުރާސްފަތި ދުވަހު އިފްތިތާހް ކުރެވުނު މި ގަވާއިދު ރާއްޖޭގެ ސިއްހީ ސިޔާސަތުގެ ތާރީހުގައި މުހިއްމު ދުވަހެއް ކަމަށް ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެކަމުގެ ސަބަބުން ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމާއެއް ބިނާ ކުރުމަށް މުހިއްމު ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް