Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 14:45
ހަވީރު ނޫސް ހިންގި އިމާރާތް
ހަވީރު ނޫސް ހިންގި އިމާރާތް
ގޫގުލް
ހަވީރު ނޫސް
ހަވީރު ނޫހުގެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށްފި
ހަވީރު ނޫސް ހުއްޓާލީ 31 މާޗް 2016ގައި
ދެ އަހަރު ދުވަސް ވަންދެން ހަވީރުގެ މުވައްޒަފުން އެހެން ތަނެއްގައި ވަޒީފާ އަދާކުރުން ވެސް އެ ހުކުމުން މަނާކުރި

ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފިއެވެ. 

ހަވީރު ނޫހުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި އެ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެ ދައުވާ ކުރި ފަރާތްތަކުން ނޭދޭ ކަންކަމަށް ވެސް ދަށު ކޯޓުގެ ހުކުމުގައި ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ދައުވާގައި ނޭދޭ ކަންތައްތަކުގެ މައްޗަށް ހުކުމްނުކުރެވޭނެކަން ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ކަނޑައަޅާފައިވާތީ އެ މައްސަލަ ސިވިލް ކޯޓުން އަލުން ބެލުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ. 

އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ "ހަވީރު ނޫސް އޭޖެންސީ"ގެ އާމްދަނީން އެ ތިން މީހުންނަށް ލިބެން ޖެހޭ މިންވަރު ހޯދުމަށާއި އެތަން ހިންގުމުގައި އެ ތިން މީހުންނަށް ބައިވެރިވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެނޫހުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް، އެހެން މީޑިއާއެއްގައި މަަސައްކަތް ކުރާ ނަމަ، އެކަމަށް ފިޔަވަޅު އެޅުމަށެވެ. އަދި "ހަވީރު"ގެ ހުރިހާ މުދަލާއި ހަވީރު ވެބްސައިޓާއި އާކައިވް ވެސް، "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ގޮތަކަށް ބަދަލު ކުރުމަށާއި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން ވެސް ދައުލަތުގެ މައްޗަށް، އޭރުގެ ގާޒީ މުހައްމަދު ހަލީމް 03 ޖުލައި 2016 ގައި އިއްވެވި ހުކުމުގައިވެއެވެ. 

ދުވަހު ނޫސް "ހަވީރު" ގައި ހިއްސާ އޮތް ކަމަށް ބުނެ އެ ތިން ފަރާތުން ކުރި ދައުވާގައި ބުނެފައި ވަނީ "ހަވީރު" ނޫހަކީ 1983 ގައި އުފެއްދި "ހަވީރު ނިއުސް އެޖެންސީ" ގެ މުދަލެއް ކަމަށެވެ. ނަމަވެސް "ހަވީރު" ނޫހަކީ ޑރ. ޒާހިރުގެ މަސްއޫލުވެރިކަމުގެ ދަށުން އޭގެ ހަތަރު އަހަރު ކުރިން ވެސް ނެރެމުން އައި ނޫހެކެވެ. އަދި "ހަވީރު ނިއުސް އެޖެންސީ" އުފައްދަން އެ ތިން ބޭފުޅުންނާ އެކު ޑރ. ޒާހިރު ސޮއިކުރެއްވި ނަމަވެސް އޭރުގެ އިންފޮމޭޝަން ޑިޕާޓްމަންޓްގައި އެ އެޖެންސީ ރެޖިސްޓްރީކޮށްފައި ވަނީ ޑރ. ޒާހިރު ނުހިމެނޭ ގޮތަށް އިބްރާހީމް ރަޝީދު މޫސާ އާއި ފާރޫގުގެ އިތުރުން ނައީމު ހިމެނޭ ގޮތަށެވެ. ކޯޓުގައި ޑރ. ޒާހިރުގެ ފަރާތުން ބުނަމުން ދިޔައީ އެއްވެސް އިރެއްގައި "ހަވީރު"ގެ މިލްކުވެރިކަން "ހަވީރު ނިއުސް އެޖެންސީ" އަށް ބަދަލުކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް މުއާމަލާތެއް ކޯޓެއްގައި ވެސް އަދި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއެއްގައި ވެސް ކޮށްފައި ނުވާނެ ކަމަށެވެ. 

ހަވީރުގެ ފަރާތުން ސިވިލް ކޯޓުގައި އޭރު ބުނެފައި ވަނީ "ހަވީރު" ތަރައްގީކޮށް ބޭނުންވާ ވަސީލަތްތައް ހޯދާފައި ވަނީ ޑރ. ޒާހިރުގެ އަމިއްލަ ގެކޮޅު ހ. ނީލްވިލާ އާއި އަމިއްލަ ނަންފުޅުގައި ލޯނު ނަންގަވައިގެން ކަމަށާއި އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުން އޭގައި ނޯންނާނެ ކަމަށެވެ. އަދި 2013 ވަނަ އަހަރު "ހަވީރު"ގެ ހުރިހާ މުދައްލެއް ވަނީ ޑރ. ޒާހިރުގެ ތިން ބޭފުޅުން ކަމަށްވާ ވާއިލް އާއި ލީނާ އަދި ލުބްނާ ޒާހިރު ހުސައިންގެ ހިއްސާވާ ގޮތަށް އުފައްދާފައިވާ "ހަވީރު މީޑިއާ ގްރޫޕް"ގެ ދަށަށް ބަދަލުކޮށްފައެވެ. 

ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ "ހަވީރު"ގެ ކުރީގެ މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި އުޅުން މަނާ ކަމަށް ކަނޑައެޅި ބަޔާއި އެ މުވައްޒަފުން އެހެން މީޑިއާއެއްގައި އުޅޭ ނަމަ އެކަމަށް ފިޔަވަޅު އަޅަން އަންގާފައި އޮތް ބަޔާއި "ހަވީރު"ގެ މުދަލާއި ފައިސާ އާއި ވެބްސައިޓާއި އާކައިކް، "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ފަރާތަކަށް ބަދަލުކުރަން އެންގި އެންގުމާއި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން އެންގި އެންގުމަކީ ދައުވާގައި އެދިފައި ނެތް ކަންތައްތަކެއް ކަމަށެވެ. 

އެހެންކަމުން ދައުވާކުރި ކަންކަމަށް ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލް ކުރަން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުން ހުކުމް ކުރައްވާ ކަމަށެވެ. 

އޭރު ރާއްޖޭގެ އެންމެ މަގުބޫރު ދުވަހު ނޫސް "ހަވީރު"، 37 އަހަރަށް ފަހު 31 މާޗް 2016ގައި ހުއްޓާލީ ދާދި ފަހުން ގާޒީކަމުން އިސްތިއުފާ ދެއްވި ހަލީމް އޭރު ނެރުއްވި ވަގުތީ އަމުރާ ގުޅިގެން އެ ގޮތަށް އެކަން ކުރައްވަން ހަވީރު މީޑިއާ ގްރޫޕްގެ އޭރު މެނޭޖްމަންޓުން ބޭނުން ނުވުމުންނެވެ. ދައުވާ ކުރި ތިން ބޭފުޅުން ބައިވެރިކޮށްގެން "ހަވީރު"ގެ ހުރިހާ މުއާމަލާތްތަކެއް ކުރުމަށް ހުކުމުގައި ވެއެވެ. 

ސިވިލް ކޯޓުގެ ހުކުމުގައި "ހަވީރު"ގެ މުވައްޒަފުންނާ ގުޅޭ ގޮތުން ހިމެނޭ ބައި މުވައްޒަފުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް