Advertisement
ކ. މާލެ
|
31 ޖެނުއަރީ 2019 | ބުރާސްފަތި 01:33
އެލްޖީއޭގެ ކުރީގެ ސީއީއޯ ޑރ.އަހުމަދު ޝުކުރީ
އެލްޖީއޭގެ ކުރީގެ ސީއީއޯ ޑރ.އަހުމަދު ޝުކުރީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވައިފިނަމަ ރަނގަޅު ނަތީޖާ ނެރޭތަން ފެންނާނެ: ޑރ. ޝުކުރީ
އަމިއްލައަށް އާމްދަނީ ހޯދައިގެން ކައުންސިލްތައް މަސައްކަތް ކުރި
ކައުންސިލްތަކުން އަތޮޅުތެރޭގެ ތަރައްގީއަށް ގިނަކަންކަން ކޮށްފައިވޭ
ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައަޅާފައި ވަނީ ވަރަށް ކުޑަ އަދަދެއް

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވައިފިނަމަ ރަނގަޅު ނަތީޖާ ނެރޭތަން ފެންނާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ޝުކުރީ ވިދާޅުވީ މިދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ހުރިހާ އުދަނގޫތަކަކާއި ހުރިހާ ހުރަސްތަކަކާއެކު ވެސް އަމިއްލައަށް އާމްދަނީ ހޯއްދައިގެން ރަށްރަށުގެ ތަރައްގީއާ އަތޮޅުތެރޭގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްތަކުގެ އެ މަސައްކަތްތަކަށް ބަލާއިރު ފައިސާގެ ގޮތުން ދަތިނުވެ ކަންކަން ކުރެވޭނެ ގޮތްތައް ފަހިވެގެންދާނަމަ، ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ވެސް ކުރެވޭނެ ކަމަށެވެ.  

ޝުކުރީ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ފައިސާއާ ބެހޭ މަސައްކަތް ކުރައްވަނީ ގާބިލް ބޭފުޅުން ކަމަށާއި، ފައިސާއަށް ހިޔާނަތްވެދާނެ ކަމާމެދު ސުވާލު އުފައްދަން އެއްވެސް ޖަގާއެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަނީ ހަމައެކަނި ބޮޑު ބާރެއް ލިބިގެން ނޫން ކަމަށާއި، ބާރު ނުލިބުނަސް ކޮށްފާނެ ކަމަށެވެ. އަދި ބާރު ލިބިގެން ފައިސާ ނަމަ ގޮތުގައި ބޭނުން ކުރާ މަންޒަރު ފެންނަ ކަމަށް ޑރ. ޝުކުރީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކަމަކީ ސަރުކާރުގެ ލެވަލްގެ މުއައްސަސާތަކުން އަޅުގަނޑުމެންނަށް  އޮޑިޓް އޮފީހުން ނެރުއްވާ ރިޕޯޓުތަކުން ފެންނަ ފެނުނުމަށް ބަލާފިއްޔާ  އަޅުގަނޑުމެންނަށް ތިހެން ދެންނެވޭކަށް ނެތް އެނގޭތޯ. އެހެންވީމަ އަތޮޅު ތެރޭގައި ތިއްބަވާ ބޭފުޅުންނަކީ އަޅުގަނޑުމެން ވިސްނާގެން ނުވާނެ އެއީ އެކަމަށް ކުފޫ ހަމަނުވާ ބައެކޭ. އަތޮޅު ތެރޭގައި އެބަތިއްބެވި ވަރަށް ގާބިލް ވަރަށް ހުނަރުވެރި އެކަމަށް އެންމެ އެކަށޭނެ ތައުލީމު ތިބިވަޑައިގެން ތިއްބެވި ބޭފުޅުން." ޑރ.ޝުކުރީ ވިދާޅުވިއެވެ.

ސަރުކާރުތަކަށް އަތޮޅު ތެރޭގެ ކައުންސިލްތަކަށް ފައިސާ ދޫކުރުމަށް ފަސްޖެހޭކަން ފާހަގަ ކުރައްވައި ޝުކުރީ ވިދާޅުވީ ފައިސާ ދޫކޮށްފިނަމަ ސަރުކާރަށް ލިބޭ ފައިސާ މަދުވެ، އޭގެ ސަބަބުން ސަރުކާރުން ބޭނުންވާ ކަންކަން ކުރެވޭނެ ގޮތް ނުވާނެ ކަމަށް ގަބޫލުކުރަނީ ކަމަށެވެ. ނަމަވެސް އެ ވިސްނުން ބަދަލުކޮށް، ކައުންސިލްތަކަށް ފައިސާ ދޫކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައި ވަނީ ވަރަށް ކުޑަ އިންސައްތައެއް ކަމަށާއި، މި ފާއިތުވި ފަސް އަހަރު ކައުންސިލްތަކަށް ދެއްވާފައި އޮތީ ހަމައެކަނި އިދާރީ ބަޖެޓެއް ކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލް އިދާރާތަކުގެ މަސައްކަތް ރަނގަޅުވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް