Advertisement
ކ. މާލެ
|
30 ޖެނުއަރީ 2019 | ބުދަ 16:46
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހައްވާ މުހައްމަދު
ހޯމް މިނިސްޓްރީން
އަދީބްގެ އާއިލާ އިން ކުރަމުންދާ ޑިމާންޑްތަކަކީ ގާނޫނުތަކުގެ ތެރެއިން ކުރެވޭނެ ކަންކަމެއް ނޫން: އިމްރާން
އަދީބަށް ދެވެން އޮތް އެންމެ ރަނގަޅު ބޭސްފަރުވާ ހޯދައިދޭނަން
އަދީބާ މެދު "ޒާތީ" ކޮށް އަމަލުނުކުރަން

ތިރީސް ތިން އަހަރު ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ އަހްމަދު އަދީބްގެ ބޭސްފަރުވާގެ ކަންތަކާ ގުޅޭ ގޮތުން އަދީބްގެ އާއިލާ އިން ކުރަމުންދާ ޑިމާންޑްތަކަކީ ގާނޫނުތަކުގެ ތެރެއިން ކުރެވޭނެ ކަންކަން ނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އަދީބްގެ ބޭސް ފަރުވާގެ ކަންތަކުގައި ދިމާވެގެން އުޅޭ މައްސަލައަކީ، އަދީބްގެ ރައްޓެހިންނާއި، ޕާޓީ އާއި، އާއިލާ އިން ބޭނުންވާ މުއްދަތައް އަދީބްގެ ބޭސްފަރުވާގެ ކަންތައް ސަރުކާރުން ކުރަންޖެހުން ކަމަށެވެ. އަދީބްގެ އާއިލާ އާއި، ޕާޓީ އާއި، ރަހްމަތްތެރިން ބޭނުންވާ މުއްދަތަށް އޭނާ ހޮސްޕިޓަލްގައި ބާއްވައިގެން ހޯމް މިނިސްޓްރީއަށް ނުތިބެވޭނެ ކަމަށާއި، އެގޮތަށް ކަންތައް ނުކުރެއްވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދީބްއަށް ބޭސްފަރުވާ ކުރައްވާ ޑޮކްޓަރުން އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން، ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ގޮތުން އޭނާ ޖަލަށް ގެންދަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދީބަށް ދެވޭ ފަރުވާއަކީ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ދެވޭ ފަރުވާ. ޑޮކްޓަރުން ކަނޑައަޅުއްވާނީ އެޑްމިޓްކުރާނެ ވަގުތާއި ޑިސްޗާރޖްކުރާނެ ވަގުތު. މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އާއިލާ އާއި ރައްޓެހިން ބޭނުންވާ ފަރުވާ އާއި މުއްދަތާއި ޕާޓީން ބޭނުންވާ ތަން. އެއީ އެކަންވާނެ ގޮތެއް ނޫން. ފަރުވާގެ ކަންކަން ކަނޑައަޅާނީ ޑޮކްޓަރުން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޑޮކްޓަރުން ކަނޑައަޅުއްވާފައިވާ ފަރުވާ އަދީބަށް ހޯއްދަވައި ދެއްވުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

އިމްރާން ވިދާޅުވީ އަދީބްގެ ސިއްހަތާ ގުޅޭ ގޮތުން މިހާތަނަށް އޭނާ ކުރެއްވި ކޮންމެ ޝަކުވާއެއް ކަމާ ބެހޭ ފަރާތްތަކުން ބަލަމުން އައި ކަމަށާއި، އަދި އަދީބް އަމިއްލައަށް ސިއްހަތާ ގުޅޭ ގޮތުން ޝަކުވާކުނުކުރައްވާ ކަންތައްތަކަށް ވެސް ހުދު ކަރެކްޝަންސް އިން އަމިއްލައަށް އިސްނަގައިގެން ބަލަމުން އަންނަ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރިން އަދީބް އެންމެ ބޮޑަށް ކުރެއްވި ޝަކުވާއަކީ ލޮލުގެ ބޭސް ފަރުވާ ލިބިވަޑައިނުގެން ކުރެއްވި ޝަކުވާ ކަމަށާއި، ނަމަވެސް އަދީބްގެ އެދިވަޑައިގަތުމާ ނުލައި ވެސް ލޮލުގެ ބޭސް ފަރުވާގެ ކަންތައް ވެސް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަދީބްގެ ޝަކުވާކުރުމަކާއި ނުލައި އެދުމަކާއި ނުލައި މިހާރު މި ދަނީ ލޮލުގެ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސަމުން،" އިމްރާން ވިދާޅުވިއެވެ.

އެހެން ގައިދީންނަށް ވުރެ ވެސް ރަނގަޅަށް އަދީބަށް ހިދްމަތް ދެމުން އަންނަކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އިމްރާން ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރު އަދީބަށް ނުލިބި ހުރި ބޭސްފަރުވާގެ ފުރުސަތުތައް ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި ދެއްވާފައިވާނެ ކަމަށެވެ. އަދީބުގެ ބޭސްފަރުވާގައި ކަރެކްޝަންސްގެ އެއްވެސް އިހްމާލެއް ނޯންނާނެ ކަމަށާއި، އަދީބާ މެދު އެއްވެސް ގޮތަކަށް ޒާތީވެފައި ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަދީބާ މެދު އެއްވެސް ވަރަކަށް "ޒާތީ" ވެފައިނުވާނެ ކަމަށް ވިދާޅުވެފައިވާއިރު، އަދީބްގެ އާއިލާ އާއި އޭނާގެ ޕާޓީން ގެންދަނީ އަދީބާ މެދު ހޯމް މިނިސްޓަރު އިމްރާން އަމަލުކުރައްވަމުން ގެންދަވަނީ "ޒާތީ" ވެގެން ކަމަށް ބުނެފައެވެ. މިނިސްޓަރ ވިދާޅުވީ ގަވާއިދުތަކާއި އުސޫލްތަކުން ކަނޑައެޅޭ އެންމެ މަތީ ދަރަޖައިގެ ހިދުމަތްތައް އަދީބަށް ދެއްވަމުން ގެންދަވާ ކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުން އަދީބު ބަހައްޓައިގެން އުޅުނީ އެ ބޭފުޅުން ބަހުރުވައިން ބަންދުކޮއްޓެއްގައި. އެކަމަކު މިހާރު އަދީބް ބަހައްޓަނީ ޖަލުގެ އުސޫލްތަކާއި ގަވާއިދުތަކުގެ ދަށުން ސްޕެޝަލް ޕްރޮޓެކްޝަން ދެއްވަން ކަނޑައަޅުއްވާފައިވާ ތަނުގައި،" އިމްރާން ވިދާޅުވިއެވެ.

އަދީބްގެ "ކަރުގައި ވާގަނޑު ޖަހައިގެން ނުދަމަން" އަދީބުގެ އަބިކަނބަލުން މަރިޔަމް ނަޝްވާ އިއްޔެ ވަނީ ގޮވާލައްވާފައެވެ. ސުޕްރީމް ކޯޓުގެ އަމުރަށް އިއްޔެ ހަވީރު އަދީބު އަނބުރާ ޖަލަށް ގެންދިޔުމާ ގުޅިގެން ނަޝްވާ ކުރެއްވި ޓްވީޓެއްގައި "އަދީބަށް މި ބިމުގައި އެއްވެސް އިންސާފެއް ނެތް ކަމަށް ސަރުކާރުން ބުނަންވީ ނޫންތޯ" ވަނީ ސުވާލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް