ކ. މާލެ
|
28 ޖެނުއަރީ 2019 | ހޯމަ 15:19
ތިއޯއަށް ވެކްސިން ޖެހުމަށް ޑޮކްޓަރާއި އޮފިޝަލް ތައްޔާރުވަނީ
ތިއޯއަށް ވެކްސިން ޖެހުމަށް ޑޮކްޓަރާއި އޮފިޝަލް ތައްޔާރުވަނީ
ރާއްޖެއެމްވީ
ވެޓެރިނަރީ ސެންޓަރު
ވެޓެރިނަރީ ސެންޓަރު: ޖަނަވާރުތަކަށް ލޯބިކުރާ ފަރާތްތަކަށް އާ އުންމީދެއް!
ވެޓެރިނަރީ ސެންޓަރު ހުޅުވީ މިމަހުގެ 10 ގައި

އެންމެ ކުޑައިރުއްސުރެ އާއިޝާ ޖަނަވާރު ގެންގުޅޭ ހިތްވެއެވެ. ނަމަވެސް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އެފަދަ ތަކެތި ގޭތެރޭގައި ގެންގުޅުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. އެތައް ދުވަހަކުން ކުރަމުން އައި އުންމީދުތަކަށް ނިމުން އައި އައިޝާއަށް ބުޅާ ގެންގުޅުމުގެ ފުރުސަތު ލިބުނީ 2017 ވަނަ އަހަރެވެ. އެ އަހަރުގެ ޑިސެމްބަރު މަހު އައިޝާ އާއި އާއިލާ ތިން ބުޅާ ގެންގުޅެން ފެށިއެވެ. އޭރު ފޮންސޯ، ފްރެންކޯ އަދި ތިއޯއަށް ވާނީ އެންމެ ދެ ތިން ހަފްތާއެވެ. ނަމަވެސް އާއިޝާ ލޯބިން ގެންގުޅުނު ބުޅާތަކުގެ ތެރެއިން ފޮންސޯ އާއި ފްރެންކޯ މަރުވީއެވެ. އޭގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި އެފަދަ ތެކެއްޗަށް ފަރުވާދެވޭނެ ގޮތެއް ނެތުމެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރުންނަށް ފަރުވާދޭ ސެންޓަރެއް މި މަހުގެ 10 ވަނަ ދުވަހު، ހުޅުވުމާ އެކު އައިޝާއަށްވީ ބޮޑު އުފަލަކަށެވެ. މިއީ ރާއްޖޭގައި ޕެޓްގެ ގޮތުގައި ޖަނަވާރު ގެންގުޅޭ އެތައް ބަޔަކަށް ލިބުނު ހިތްހަމަޖެހުމެކެވެ. އޭނާ ލޯބިން ގެންގުޅުނު ތިން ބުޅަލުގެ ތެރެއިން ދެ ބުޅާ މަރުވީ އެކަށީގެންވާ ފަރުވާ ނުދެވިގެން ކަަމަށް އޭނާ ގަބޫލުކުރެއެވެ. އަމިއްލަ ދަރިން ފަދައިން އެތައް ބަޔަކު ރާއްޖޭގައި އޮޅު ޖަނަވާރު ގެންގުޅޭ އިރު އެ ތަކެއްޗަށް ބޭނުންވާ ފަރުވާ އާއި ވަސީލަތްތައް ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެހެންކަމުން ބޮޑު ކަމެއް ދިމާވެއްޖެ ނަމަ އެފަދަ މީހުން އުޅެންޖެހެނީ ވަރަށް ހާލުގައެވެ. ދަރިން ފަދައިން ބަލާ ބޮޑުކޮށް އޮޅުކޮށްގެން ގެންގުޅޭ ބުޅާ ފަދަ ތަކެތި މަރުވާން ދޫކޮށްލުން ނޫން ގޮތެއް ނެތިފައި ތިބި އެތައް ބަޔަކަށް މިއީ ވަރަށް ބޮޑު އުންމީދެކެވެ. 

ވެޓެރިނަރީ ސެންޓަރުގައި ހިދުމަތް ހޯދަން ތިބި ފަރާތްތަކެއް. ފޮޓޯ: ރާއްޖެއެމްވީ

މީގެ ކުރިން، ލޯބިން ޖަނަވާރުތައް ގެންގުުޅޭ ފަރާތްތަކަށް އެ ޖަނަވާރުތައް ބަލިވެ ނުވަތަ އަނިޔާއެއްވުމުން ކުރެވޭނެކަމެއް ނޯންނަ އިރު، އެފަދަ ޖަނަވާރު ގެންގުޅޭ އިރު ދޭން ޖެހޭ ވެކްސިންތަކާއި އެހެނިހެން ކަންތައް ކުރުމުގެ ފަސޭހަ ގޮތެއް ވެސް ނެތެވެ.

ކުރިންވެސް ފިޝަރީޒް މިނިސްޓްރީގައި ޖަނަވާރުންގެ ޑޮކްޓަރެއް ހުރި ނަމަވެސް، ގޭގެއަށް ގޮސް ޖަނަވާރުތަކަށް އެންމެ އެކަށީގެންވާ ފަރުވާއެއް ނުދެވެއެވެ. އަދި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި އާންމުންގެ މެދުގައި އެކަމާ މެދު އޮތް ހޭލުންތެރިކަން ކުޑަވުމުން ދަތި އުނދަގޫތަކެއް ކުރިމަތިވެއެވެ. 

ފްރެންކޯ ބަލިވުމުން އައިޝާ ވެސް މިނިސްޓްރީގެ ޑޮކްޓަރާ އެކު އެޕޮއިންޓްމަންޓަށް ހެއްދިއެވެ. އަދި އެ ޑޮކްޓަރު އެ ގެއަށް ވެސް ޒިޔާރަތް ވެސް ކުރިއެވެ. ނަމަވެސް އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން ޑޮކްޓަރު ޒިޔާރަތް ކުރިތާ ދެ ދުވަސް ފަހުން ފްރެންކޯ މަރުވިއެވެ. އަދި ފޮންސޯ މަރުވީ މިނިސްޓްރީގައި ހުންނަ ޑޮކްޓަރަށް އެޕޮއިންޓްމެންޓެއް ނުލިބި އެތައް ދުވަހެއް ވަންދެން އެކަށީގެންވާ ފަރުވާ އެއް ނުލިބި އުޅެނިކޮށެވެ. 

ފްރެންކޯ. ފޮޓޯ: ރާއްޖެއެމްވީ

ވެޓެރިނަރީ ސެންޓަރު ހުޅުވުމާ އެކު އައިޝާ ވެސް އަވަސްވެގަތީ ސެންޓަރަށް ގޮސް ތިއޯ ޑޮކްޓަރަށް ދައްކާ، އެ ބުޅަލަށް ދޭން ޖެހޭ ވެކްސިންތައް ދިނުމަށެވެ. 

ސެންޓަރު ހުޅުވި އިރު ހަފްތާއަކު ދެ ދުވަހު ހިދްމަތް ދެވުނު ނަމަވެސް، މިހާރު އެ ތަނުގައި ބުދަ ދުވަސް ފިޔަވާ ރަސްމީ ހުރިހާ ދުވަހެއްގައި، ހެނދުނު 8:00 އިން މެންދުރު 2:00 އަށް، ހިދުމަތްދެއެވެ. އެންމެ ޑޮކްޓަރަކާ އެކު، ކުރިއަށް ގެންދާ މި ވެޓެރިނަރީ ސެންޓަރު ހުންނަނީ ވިލިމާލޭގައެވެ. މިއީ ފެށުމަކަށް ވާތީ ކުރިއަށް ވުރެ އެތައް ގޮތަކުން މިހާރު ރަނގަޅެވެ. 

ބުޅަލަށް ޖަހާ ދެ ވެކްސިނެއް ހުންނައިރު، ރާއްޖޭގައި ޖަހަނީ ހަމައެކަނި 'ޓްރައިކެޓް ޓްރިއޯ' ކިޔާ ވެކްސިނެކެވެ. އެއީ ޑޮކްޓަރ ކިޔައިދިން ގޮތުން ނަމަށް ބުޅާ ހުމާއި ރޯގާ ފަދަ ބަލިތަކުން ރައްކާތެރި ކުރުމަށް ޖަހާ ވެކްސިނެކެވެ. ރާއްޖޭގައި ރޭބީސް ނޫޅޭތީ ރޭބީސް ޝޮޓެއް ޖަހާކަށް ނުޖެހެއެވެ.

ތިއޯ ވެކްސިން ޖެހުމަށް މޭޒުމަތީގައި. ފޮޓޯ: ރާއްޖެއެމްވީ

ބައެއް ކަންތައްތައް ފުރިހަމަ ނުވާތީ ސެންޓަރުން އަދި ވެކްސިނެއް ނުލިބެއެވެ. އެހެންކަމުން ދާން ޖެހެނީ މާލޭ ބާޒާރުން ބޮޑު އަގުގައި ވެކްސިން ގަނެގެން ހިފައިގެންނެވެ. ސެންޓަރުގައި މަސައްކަތް ކުރާ މިނިސްޓްރީގެ އޮފިޝަލް ބުނީ ވަރަށް އަވަހަށް ވެކްސިން ވެސް އެތަނުން ލިބެން ފަށާނެއެވެ. އެގޮތަށް ވެއްޖެ ނަމަ މިހާރަށް ވުރެ ފަސޭހައިން އަދި ހެޔޮ އަގެއްގައި ވެކްސިން ވެސް ލިބުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ އުންމީދު ބޮޑެވެ. 

މި ސެންޓަރުން ހަމައެކަނި ފަރުވާ ދެނީ ބުޅަލަކަށް ނޫނެވެ. ރާއްޖޭގައި ގިނަ އަދަދަކަށް ގެންގުޅޭ ގުރާގެ އާއިލާގެ ވައްތަރުތަކާއި ދޫނިސޫފާ ސޫފީގެ އިތުން ބައެއް ޖަނަވާރުތަކަށް ވެސް މި ސެންޓަރުން ފަރުވާ ދެއެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ބުޅާ ގެންގުޅޭތީ ގިނައިން ފަރުވާ ހޯދަނީ ވެސް އެ ފަރާތްތަކުންނެވެ. އޮފިޝަލަކު ވިދާޅުވީ އެތަނުން ޚިދުމަތް ހޯދާ 95 ޕަސަންޓް މީހުންނަކީ ބުޅާ ގެންގުޅޭ ފަރާތްތައް ކަމަށެވެ.

ޑޮކްޓަރ ހެމަންތި. ފޮޓޯ: ރާއްޖެއެމްވީ

ވެޓެރިނަރީ ސެންޓަރެއްގައި ހުންނާނެ ގިނަ ވަސީލަތްތަކަކާ އެކު ޚިދުމަތް ފަށައިގަނެފައިވާ އިރު މިއީ އައިޝާ ފަދަ އެތައް ބަޔަކަށް ލިބިގެން ދިޔަ އުންމީދެކެވެ. މީގެ އިތުރުން އެ ތަނުގައި ފަރުވާ ދޭން ތިބި މީހުންގެ ފަރާތުން ވެސް އުންމީދީ މަންޒަރުތަކެއް ފެނުނު ކަމަށް އާއިޝާ ބުންޏެވެ. އޭނާ މިސާލެއް ވެސް ދެއްކިއެވެ.

އެގޮތުން ބަންދު ކުރާ ގަޑި ޖެހިފައިވަނިކޮށް ގެނައި ބުޅަލަކަށް ޑޮކްޓަރު ފަރުވާ ދިންކަން އާއިޝާ އުފަލާ އެކު ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި އެއީ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ބުޅަލެކެވެ. އެއްވެސް ފަޖެހުމެއް ނެތި އެ ބުޅަކަށް ވަގުތުން ފަރުވާ ދޭން ފަށައި އެ ރަނގަޅު ކުރެވިދާނެ ކަމުގެ ޔަގީންކަމާ އެކު އޭގެ ވެރިފަރާތް ހިތްހަމަޖެއްސުމަށް ޑޮކްޓަރާއި އެ ތަނުގެ ސްޓާފް އަމަލުކުރި ގޮތް އާއިޝާ އަށް ވަރަށް ކަމުދިޔައެވެ. ބަލި ބުޅަލުގެ އިތުރުން އެ ގެންގުޅޭ ފަރާތްތާ މެދު އެފަދަ ދަނޑިވަޅެއްގައި އޯގާތެރިވުމަކީ ވެސް އާއިޝާ އާއި އެފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކަށް އެ ސެންޓަރާ މެދު އުފެދިގެންދާނެ ވަރަށް ބޮޑު އިތުބާރެކެވެ. 

ބުޅަލަކަށް ވެކްސިން ޖަހަނީ

ވެޓެރިނަރީ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ އެ ސެންޓަރުގެ އަމާޒަކީ ތިއޯ ފަދަ އޮޅުކޮށްގެން ގުޅޭ ޖަނަވާރުގެ އިތުރުން މަގުމަތީގައި އުޅޭ އެފަދަ ޖަނަވާރުތަކަށް ވެސް ފަރުވާ ދިނުން ކަމަށެވެ. އެ މަސައްކަތް މިހާރު ވެސް އެ ސެންޓަރުން އަންނަނީ ކުރަމުންނެވެ. އަދި ޚިދުމަތްތައް މިހާރަށް ވުރެ ތަރައްގީކޮށް ފަސޭހަކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ހިދުމަތް ހޯދަން އެޕޮއިންޓްމަންޓް ހެދުމަށް ކުރިން މިނިސްޓްރީއަށް ފޯމެއް ލާންޖެހޭ ގޮތަށް އޮތް ނަމަވެސް، މިހާރު ސީދާ ސެންޓަރަށް ގޮސް ވަގުތުން އެޕޮއިންޓްމަންޓް ހެއްދޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މަގުމަތީގައި އުޅޭ ބުޅާ މަރާ މައްސަލަ ބޮޑުވެ ބިރުވެރިކަމެއް އުފެދިފައިވާ މިފަދަ ދަނޑިވަޅެއްގައި މިފަދަ ސެންޓަރެއްގެ ޚިދުމަތް ސަރުކާރުން ފެށުމަކީ ވެސް ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް ލިބުނު ހިތްހަމަޖެހުމެކެވެ. ވެޓެރިނަރީ ސެންޓަރާ އެކު އާއިޝާ ފަދަ އެތައް ބަޔަކަށް އުންމީދެއް ލިބިފައިވާ އިރު މިފަދަ ޖަނަވާރުތަކާ މެދު އާންމުންގެ ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ސެންޓަރުން އިސް ނަގައިގެން ކުރުމަކީ ވެސް މިފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުގެ އުންމީދެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް