ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 19:36
ކުނި އުކާލުމަށް އަލަށް ގެނައި ވެހިކަލްތައް އެންވަޔަރަމަންޓް މިނިސްޓަރު އިފްތިތާހްކުރައްވަނީ
ކުނި އުކާލުމަށް އަލަށް ގެނައި ވެހިކަލްތައް އެންވަޔަރަމަންޓް މިނިސްޓަރު އިފްތިތާހްކުރައްވަނީ
ރާއްޖެއެމްވީ
މާލޭގެ ކުނީގެ މައްސަލަ
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
ކުނި އުފުލުމަށް މާޗު މަހު އިތުރު އުޅަނދު ގެންނަނީ
މާލެ ކުނި އުކާލުމުގައި 10 ޒޯނަކަށް ވަނީ ބެހިފަ
މިހާރު ކުނި އުފުލަކީ ޒޯން އެކެއްގައި އެކަނި

މާލެ 10 ޒޯނަކަށް ބަހާލައިގެން ކުނި އުކާލުމުގެ މަސައްކަތް ކުރަމުންދާ އިރު މި ހަފްތާގެ ތެރޭގައި މާލޭގެ ޒޯން ދޭން އަދި ތިނަކުން ކުނި އުކާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފުއާދު ވިދާޅުވީ، ވެމްކޯ އިން މާލޭގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭ 10 ޒޯނަކަށް ބަހާލާފައިވާ ކަަމަށެވެ.

މިހާރު ހަމައެކަނި ކުނި އުކުމުގެ މަސައްކަތް ކުރަމުންދަނީ ޒޯން އެކެއްގެ ސަރަހައްދުގައެވެ. ޒޯން އެކެއްގައި ހިމެނެނީ ހެންވޭރުން ކަލާފާނު ސްކޫލާއި އަޑިޕާކު ސަރަހައްދެވެ.

މީގެ އިތުރުން ޒޯން ދޭއް އަދި ތިނެއްގައި ކުނި އުކުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށިގެންދާއިރު ކުނި އުކާލުމަށް ބޭނުންކުރާ އާއުޅަނދުތަކެއް ވެމްކޯ އިން މިހާރުވަނީ މާލެ ގެނެސްފަ އެވެ.

މާލޭ ސަރަހައްދުގެ ޒޯން ދޭކަކީ ހެންވޭރު ހުޅަނގަށްވާ ޓީވީ ކޮށި ސަރަހައްދެވެ. އަދި ޒޯން ތިނަކީ ހެންވޭރު އިރުމައްޗަށް، މަޖީދީ މަގާ ވީ ކޮޅެވެ. މި ސަރަހައްދުތަކުގައި ކުނި އުފުލުމައްޓަކާއި 240 ކިލޯ ގްރާމްގެ ތަކެތި އުފުލޭ 20 ޓްރައިސައިކަލާއި 2.5 ޓަނުގެ ތަކެތި އުފުލޭ 10 ކޮމްޕެކްޓް ޓްރަކް ގެނެސްފައި ވެއެވެ.

ފުއާދު ވިދާޅުވީ ޓްރައިސައިކަލް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހަނި ގޯޅިތަކުގައި ކުނި އުފުލުމަށް ކަމަށާއި ކުރިއަށް އޮތް މަރޗު މަހުގެ ތެރޭގައި ކުނި އުފުލުމަށް އިތުރު އުޅަނދުތައް ގެނައުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން 1.5 ޓަނުގެ ކޮމްޕެކްޓް ޓްރަކާއި ޑަންގް ޕިކަޕް ގެނައުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ޖޫން މަހުގެ ނިއަލަށް މާލޭގެ 10 ޒޯން އެއްކޮށް ކަވަރ ކުރެވޭނެ ކަމަށާއި ހުރިހާ ސަރަހައްދުތަކެއްގައި ޒަމާނީ ވެހިކަލްތަކުގައި ކުނި އުފުލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ކުނި އުފުލުގެ މަސައްކަތް ވެމްކޯ އިން ކުރަމުންދާ އިރު ގެތަކުން ވަކިން ކުނި އުފުލާ ނަމަ 150ރ. ގެ ފީއެއް ނަގައެވެ. އަދި ވަކި ވަކި ބިލްޑިންތަކުން އެއްކޮށް ކުނި ނަގާ ނަމަ ކޮންމެ ގޭބީސީއަކުން 100 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. 

މާލޭގައި ކުނީގެ މައްސަލަ ބޮޑުވެ، ހައްލުތަކެއް ނުހޯދި އެތައް ދުވަހެއް ވެފައިވާ އިރު މީގެ ކުރިން އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ޓަޓުވާއާ ހަވާލުކޮށްގެން ވެސް ކުނީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތެއް ފެށި އެވެ. އެހެން ނަމަވެސް އެތަށް ދުވަހެއްވީ އިރުވެސް އެ މަސައްކަތް ނުފެށިފައިވުމުން މިހާރު އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވެމްކޯއާއެެވެ.

- ކޮމެންޓް