ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 18:59
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު--
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު--
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
އެބިލް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީ އަށް
ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު
ސޮފްޓް އަދި އެނާރޖީ ޑްރިންކުގެ ލީޓަރަކުން 4.60ރ. އަދި ކޮންމެ ސިގިރޭޓަކުން 2.00ރ. ޑިއުޓީގެ ގޮތުގައި ނެގުމަށް އެބިލްގައިވޭ

ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށް އެބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފައިވަނީ 51 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓް ދެއްވިއިރު، ތިން މެންބަރަކު ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ވޯޓިންގ ސިސްޓަމްގައި ޓެކްނިކަލް މައްސަލައެއް ޖެހުމުން ވޯޓް ނަގާފައިވަނީ މެމްބަރުން އަތް އުފުލައިގެންނެވެ.

އެބިލް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ.

އެބިލް ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރެވެ.

އެ ބިލްގައި ވާގޮތުން ސޮފްޓް ޑްރިންކާއި އެނާރޖީ ޑްރިންކްގެ ޑިއުޓީގެ ގޮތުގައި ލީޓަރަކަށް 4.60ރ ބޮޑުކުރުމާއި، އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 2ރ. ނެގުމަށް އެ އިސްލާހުގައި ވެއެވެ.

މިހާރު އެ ގާނޫނުގައި ވަނީ ބޯފެނާއި ސޮފްޓް ޑްރިންކުން ޑިއުޓީގެ ގޮތުގައި 15 ޕަސެންޓް ނެގުމަށާއި ކޮންމެ ސިނގިރޭޓަކުން 1.25ރ. ނެގުމަށެވެ.

އެހެންކަމުން މިހާރު ވެސް އެތެރެކުރާ ބޯފެނުން 15 ޕަސެންޓްގެ ޑިއުޓީ ހަމަ އެގޮތުގައި އޮންނާނެވެ.

ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައި ވަނީ ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތައް ބޭނުންކުރުމުން އާންމުން ދުރުހެލިކުރުން ކަމަށެވެ.

މިދިޔަ އަހަރު ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ އެނާޖީ ޑްރިންކާއި ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން މަޖިލީހުގައި އެދި ވަޑައިގެންފައެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން މިހާރު 47ރ. އަށް ލިބޭ ސިނގިރޭޓް ފޮއްޓެއް ދެން ލިބޭނީ 60ރ. އަށް ވުރެ ބޮޑުކޮށް ކަމަށް ބެލެވެވެ.

ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

 

 

- ކޮމެންޓް