ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 18:42
ޕިން ކަރުތެރެއަށް ގޮސްގެން ފަރުވާދީފައި ވަނީ ޒުވާން އުމުރުފުރައިގެ އަންހެނުންނަށް
ޕިން ކަރުތެރެއަށް ގޮސްގެން ފަރުވާދީފައި ވަނީ ޒުވާން އުމުރުފުރައިގެ އަންހެނުންނަށް
ޓްވިޓަރ
ބުރުގާގައި ޖަހާ ޕިން
ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
ފާއިތުވި ހަތަރު އަހަރު ތެރޭގައި ކަރު ތެރެއަށް ޕިން ދިއުމުގެ 15 ކޭސް އަަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވޭ

"ބުރުގާ އަޅާއިރު، އަނގައަށް އެއްގޮތަކަށް ވެސް ޕިން ލާކަށް ނުވާނެ. ކޮންމެވެސް ކަހަލަ ގޮތަކަށް ޕިން ހަމަ އަނގައިގެ ތެރެއަށް ހިނގައިދާނެ. ކޮށި އެރުން ނުވަތަ ކޮންމެވެސް އެހެން ކަމެއް ދިމާވެގެން ވެސް،" މިއީ އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިންގައި މަސައްކަތް ކުރައްވާ ޑރ. ނަޒްމީ އަބްދުއްލަތީފް ބުރުގާ އަޅާ ހުރިހާ އަންހެންނަށް ދެއްވި ނަސޭހަތެކެއެވެ.

މި މަހުގެ 23 ވަނަ ދުވަހު މިފަދަ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގާފައެވެ. އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއްގެ ކަރު ތެރޭގައި ޕިން ތާށިވުމުގެ ސަބަބުން ވަނީ އޮޕަރޭޝަނެއް ކުރަންޖެހިފައެވެ. ބުރުގާ އެޅުމުގެ ތެރޭގައި ދެ ދަތް ދޭތެރެއަށް ޕިނެއް ލައްވައިގެން އުޅެނިކޮށް، ކޮށިއެރުމުން ޕިން ކަރު ތެރެއަށް ދިޔައީއެވެ. އެ ޕިން ނެގީ އައިޖީއެމްއެޗްގައި "ބްރޮންކޮސްކޮޕީ" އެއް  ހަދައިގެންނެވެ.

ޑރ. ނަޒްމީ އަބްދުއްލަތީފް ވިދާޅުވީ ޒުވާން އަންހެންކުއްޖާގެ ކަރުތެރެއަށް ދިޔަ ޕިން ވޯކަލް ކޯޑާއި ކައިރީގައި ހުރުމުގެ ސަބަބުން ނަގަން ތަންކޮޅެއް ފަސޭހަވި ކަމަށެވެ. މި ހާދިސާގައި ޕިން ނަގަން ފަސޭހަވި ނަމަވެސް ހުރިހާ ފަަހަރަކު މި ގޮތަށް ކަންތައް ނުހިނގާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ޕިން އެތެރެއަށް ދިޔަ ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ. 

ޑރ ނަޒްމީ ވިދާޅުވީ ބުރުގާ އެޅުމުގެ ތެރޭގައި އަނގަޔަށް ޕިން ލުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ސީރިއަސް މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

ފާއިތުވި ހަތަރު އަހަރު ތެރޭގައި 15 ކޭސް ރިޕޯރޓްކޮށްފައިވޭ

ޕިން ކަރުތެރެއަށް ދިއުމުގެ ސަބަބުން މީގެ ކުރިން ވެސް ނުރައްކާތެރި ގިނަ ހާދިސާތަކެއް ވަނީ ހިގާފައެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މިފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ޑރ. ނަޒްމީ ވިދާޅުވިއެވެ. ޑރ. ނަޒްމީ ވިދާޅުވީ ޕިން ހެރުމުގެ އިތުރުން ވެސް ކަރުތެރޭގައި ތަފާތު އެއްޗެހި ތާށިވުމާއި ގޮހޮރުގެ ތެރެއަށް ދިއުމުގެ ތަފާތު ހާދިސާތައް ރިޕޯޓްކުރާ ކަމަށެވެ. 

 

"ބުރުގާ އަޅާ ގަޑީގައި ކޮށި އަރައިގެން ކަމެއް ދިމާވެއްޖިއްޔާ، ކުއްލިއަކަށް ސަޕްރައިޒް ވެއްޖިއްޔާ އޭތި މި ދަނީ އެތެރެއަށް ވަދެގެން ގޮސް ނޭވާ ހޮޅީގައި މި ތާށިވަނީ."

 

ބުރުގާ އަޅާއިރު ޕިން އަނގައިގެ ތެރެއަށް ނުލުމަށް ސަމާލުކަންދޭންޖެހޭ

ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތަކެއް މިހާތަނަށް ހިނގާފައި ނުވިޔަސް ޕިން ކަރުތެރެއަށް ގޮސް ނޭވާ ހޮޅި ތެރޭގައި ތާށިވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ޕިން ކަރުތެރޭގައި ތާށިވެއްޖެ ނަމަ އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޑރ. ނަޒްމީ ވިދާޅުވިއެވެ. މީގެ ސަބަބުން ގިނަ ސައިޑް އިފެކްޓްތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

"ޕިން ހެރިފައި ކޮންމެވެސް ވަރަކަށް ޑެމޭޖްވެ އިންފެކްޝަން ފެތުރޭ ގޮތް ވެދާނެ. ފޮރިން ބޮޑީއެއް އެތާ އިނުމުގެ ސަބަބުން ނޭވާލުމަށްވެސް އުދަގޫވެ އަބަދު ކޮށި އަރާ ކެއްސާ އެކަހަލަ ކަންތައް ދިމާވުމުގެ ޗާންސް އޮންނާނެ. އޭތި އެއްތަނުން އަނެއް ތަނަށް މައިގްރޭޓްވެ، ނޭވާ ހޮޅި ހަލާކުވާ ގޮތް ވެސް ވެދާނެ،" ޑރ. ނަޒްމީ ވިދާޅުވިއެވެ.

މިއީ އާދައިގެ ކަމެއްގެ ގޮތުގައި ހީވެފައި އޮތަސް ބުރުގާ އަޅާ ފަރާތްތަކުން ސަމާލުވާންޖެހެއެވެ. ފަރުވާ ކުޑަކޮށްލެވޭ ކުޑަކުޑަ ކަމަކުން ވެސް ބޮޑު ހާދިސާއެއް ހިނގައިފާނެވެ. ބުރުގާ އަޅާ އިރު ޕިން އަނގަޔަށް ލުމުގެ ބަދަލުގައި ޕިން ހެރުމަށް ހާއްސަ އެއްޗެހި ވެސް ހުރެއެވެ. އެފަދަ އެއްޗެއް ނެތް ކަމަށް މޭޒު މަތީގައި ނުވަތަ ކޮންމެ ވެސް ތަނެއްގައި ބޭއްވުން މުހިންމެވެ. އަމިއްލަ ސަލާމަތްތެރިކަމުގެ ގޭގައި ކުޑަ ކުދިން އުޅޭ ނަމަ އިތުރަށް ސަމާލުވާންޖެހެއެވެ. ޕިން ފަދަ ތަކެތި ކުޑަކުދިންގެ އަނގަޔަށް ލުމުގެ ސަބަބުން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް