ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 13:05
ސައުދީގެ ރެސްޓޯރަންޓެއްގައި ސައުދީގެ ރައްޔިތުންތަކެއް
ސައުދީގެ ރެސްޓޯރަންޓެއްގައި ސައުދީގެ ރައްޔިތުންތަކެއް
މުހައްމަދު ޝަރުހާން
ސައުދީ އަރަބިއާ
ސައުދީގެ ކެފޭތަކުގައި ލައިވް ޝޯވ ބޭއްވުމުގެ ހުއްދަ ދޭން ނިންމައިފި
މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާކުރުމަށް ސައުދީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ސައުދީ އަރަބިއްޔާގެ ކެފޭ ތަކާއި ރެސްޓޯރަންޓްތަކުގައި ލައިވް ޝޯވތައް ބޭއްވުމުގެ ހުއްދަ ދިނުމަށް އެ ޤައުމުގެ ޖެނެރަލް އޮތޯރިޓި ފޯ އެންޓަރޓެއިންމަންޓުން ނިންމައިފިއެވެ.

މިކަން އިޢުލާނުކޮށްދެއްވީ ނިމިގެންދިޔަ ހަފްތާގައި ސައުދީގައި ބޭއްވި އެންޓަރޓެއިންމަންޓް ކޮންވެންޝަންގައި ސައުދީގެ ޖެނެރަލް އޮތޯރިޓީ ފޯ އެންޓަރޓެއިންމަންޓްގެ ޗެއާމަން ތުރްކީ އަލް އައްޝައިޚެވެ. އޭނާ ވިދާޅުވީ ސައުދީ އަރަބިއްޔާގެ ކެފޭ ތަކާއި ރެސްޓޯރަންޓްތަކުގައި ލައިވް ޝޯވތައް ބޭއްވުމުގެ ހުއްދައަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ހުއްދައިގެ ދަށުން ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި މިއުޒިކް ޝޯވތަކާއި، ސްޓޭންޑްއަޕް ކޮމެޑީ ޝޯވތައް ބޭއްވުމަށް މަގުފަހިވެގެން ދާނެއެވެ.

ސައުދީގައި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ފުޅާކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ތުރްކީ އަލް އައްޝައިޚް އިތުރަށް ވިދާޅުވެފައި ވަނީ، ސައުދީގެ އަމާޒަކީ މުނިފޫހިފުލުވުމަށް އޭޝިއާގައި އެންމެ ފާހަގަކޮށްލެވޭ 4 ޤައުމު، އަދި އެ ދާއިރާގައި ދުނިޔެ އިން އެންމެ ފާހަގަކޮށްލެވޭ 10 ޤައުމުގެ ލިސްޓުގައި ސައުދީ އަރަބިއްޔާ ހިމެނުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއަކީ ސައުދީއަށް މުހިއްމު ދާއިރާއެއް ކަމަށާއި، އެންމެ ބޮޑު އަމާޒަކީ ސައުދީގެ ފަންނާނުންގެ ހުނަރު ކުރިއަރުވައި، ދާއިރާގެ ހުރިހާ ދިމާލަކުން ސައުދީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީގެ ޖެނެރަލް އޮތޯރިޓީ ފޯ އެންޓަރޓެއިންމަންޓްގެ މި ނިންމުމަށް އެ ޤައުމުގައި ކެފޭ އާއި ރެސްޓޯރަންޓްތަކުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް