ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު އިސްކޯގެ އެއްބަސްވުން އާނުކޮށް އެ ކްލަބުން ދިގުދަންމަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގޯލްޑޮޓްކޮމް އިން ބުނީ އިސްކޯގެ އެއްބަސްވުމާ ގުޅޭގޮތުން ރެއާލް އިން އޭނާއާ ކުރަމުން އަންނަ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށާއި، އެ މަޝްވަރާތައް ދެން ފެށުމަށް ހަމަޖެހިފައިވަނީ މި ސީޒަނަށްފަހު ކަމަށެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލްއާ އެކު އިސްކޯ އެއްބަސްވުން ހަދާފައިވާއިރު، އޭނާ އެއްބަސްވުން އާ ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އޭނާ އަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވި ފަހުން އިސްކޯ އަށް ފުރަތަމަ 11 އިން ޖާގަ ލިބުން ވަނީ ދަތިވެފަ އެވެ. އެގޮތުން އެކަމާ އިސްކޯ ހިތްހަމަނުޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ވެލެންސިއާ އިން ކެރިޔަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފަ އެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.
އެގޮތުން އޭނާ ވަނީ އެ ކްލަބުގައި މިވީތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 164 މެޗުގައި 24 ލަނޑު ކާމިޔާބުކޮށް، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ފީފާ ކްލަބް ވޯލްޑްކަޕް، ޔުއެފާ ސުޕާ ލީގު ދެފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފަ އެވެ.
ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފަ އެވެ