ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުޙައްމަދު ނަޝީދު ތަގުރީރު ކުރައްވަން ހަމަޖެހިއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ބުނީ، އެމަނިކުފާނު ތަގުރީރުކުރައްވަން ހަމަހެހިފައިވަނީ، ފެބްރުވަރީ 15 ވަނަ ދުވަހު ކަމަށެވެ.
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މޫސުމަށް އަންން ބަދަލުތަކާ ގުޅޭ ހާއްސަ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ދިވެހިރާއްޖެއަށް ކުރަމުން އަންނަ މިންވަރާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.
މީގެ އިތުރުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ދިމާވާ ގޮންޖެހުންތަކާއި ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މިމައްސަލަ ހައްލުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސް ނަޝީދު އަލިއަޅުވައިލައްވާނެއެވެ. އަދި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި ހެޔޮވެރިކަމުގެ ނިޒާމެއް އޮތުމުގެ މުހިއްމު ކަމާމެދުވެސް އެމަނިކުފާނު ވާހަކަފުޅުދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅޭ އެކި އެކި ފޯރަމް ތަކުގައި ރައީސް ނަޝީދު އަންނަނީ ތަގުރީރު ކުރައްވާ ދުނިޔޭގެ ސަމާލުކަމަށް އެ ބަދަލުތައް ގެންނަމުންނެވެ. އަދި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ގުޅޭގޮތުންވެސް ދުނިޔޭގެ އެކި ކޮންފަރެންސް ތަކުގައި އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެނެމެ ފާހަގަކޯށްލެވޭ އެއް ސަމިޓަކީ 2009 ވަނަ އަހަރު ކޯޕަންހޭގަންގައި އޮތް ކޮޕް 15 އެވެ.