ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 02:53
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީސް
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު
އިސްލާހުގެ ސަބަބުން ސިނގިރޭޓް ފޮށްޓެއް 60 ރުފިޔާއަށްވުރެ ބޮޑުވާނެ
މިއަހަރުގެ ބަޖެޓުގައި ވަނީ ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ ޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައި

ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމަށް އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެބިލް އެޖެންޑާ ކޮށްފައިވާއިރު، އެބިލް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރެވެ.

މިބިލް ގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގަ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި އެބިލަށް އިބްތިދާއީ ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، މަޖިލީހުގައި ވޯޓް ނެގުމާއި އަދި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުން ފާސްވެއްޖެނަމަ އެބިލުގެ އިބްތިދާއީ ބަހުސް ފެށުމަށެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައިވަނީ ސަރުކާރުގެ ބޭނުމަކީ ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތައް ބޭނުންކުރުމުން އާންމުން ދުރުހެލިކުރުން ކަމަށެވެ.

މިދިޔަ އަހަރު ބަޖެޓް ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ އެނާޖީ ޑްރިންކާއި ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން މަޖިލީހުގައި އެދި ވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިދިޔަ އަހަރުގެ ބަޖެޓްގައިވާ ގޮތުން މި އަހަރުން ފެށިގެން ސިނގިރޭޓަކުން ނަގާ ޓެކްސް 1.75 ރުފިޔާއަށް ބޮޑުވާނެ އެވެ. ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން މިހާރު 47 ރުފިޔާއަށް ލިބޭ ސިނގިރޭޓް ފޮއްޓެއް ދެން ލިބޭނީ 60 ރުފިޔާއަށް ވުރެ ބޮޑުކޮށް ކަމަށް ބެލެވެވެ.

ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

 

 

 

- ކޮމެންޓް