ކ. މާލެ
|
14 ފެބްރުއަރީ 2017 | އަންގާރަ 00:52
އެމްޑީޕީ ޤައުމީ މަޖިލިސް: ގަދަކުމުން ޕީޕީއެމަށް ވައްދާކަމަށް އެމްޑީޕީން ވަނީ ބުނެފައި
އެމްޑީޕީ ޤައުމީ މަޖިލިސް: ގަދަކުމުން ޕީޕީއެމަށް ވައްދާކަމަށް އެމްޑީޕީން ވަނީ ބުނެފައި
މުހައްމަދު ޝަރުހާން
އެމްޑީޕީ
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
ޕީޕީއެމް ގެ ފޯމުތައް މުވައްޒަފުންނަށް ބަހައި ސޮއިކުރުވުމުގެ ހަރަކާތްތަކުގައި އިސްވެރިން އަމަލީގޮތުން ބައިވެރިވޭ
މުވައްޒަފުން ސޮއިނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރުދޭކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަން
މިއީ ރައީސް ޢަބްދުﷲ ޔާމީނުގެ އަމުރަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ހިންގަމުންދާ ކޮރަޕްޝަންގެ މުޑުދާރު އަމަލެއް

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ޕީޕީއެމަށް ސޮއިކުރުވަމުން ގެންދާ ކަމަށާއި އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެން ޕީޕީއެމް އަށް ސޮއިކުރުވަމުން ގެންދާތީ އެކަމުގެ ޝަކުވާ އެ މުވައްޒަފުން އެމްޑީޕީ އާ ހިއްސާކުރަމުންދާ ކަމަށެވެ. އަދި ހަމަ އެސަބަބާހުރެ ޕީޕީއެމް ގެ ރައީސްގެ ފަރާތްޕުޅުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ނޫސްބަޔާން ނެރުއްވާފައިވާކަންވެސް ފާހަގަކުރާ ކަމަށާއި އެހެންކަމުން އެކަން އެގޮތަށް ހިނގަމުންދާކަން އިތުރަށް ޔަޤީންވާ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އެންމެ އިސްވެރިން، ޕީޕީއެމްގެ ފޯމުތައް މުވައްޒަފުންނަށް ބަހައި، މުވައްޒަފުން ލައްވައި ސޮއިކުރުވުމުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުންދާ ކަމަށާއި އެކަން އެނގޭ ފަދަ ފޮޓޯތައް ހާމަކޮށް އެކުންފުނިތަކުން ޓްވީޓްކުރަމުންދާކަން ފާހަގަކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ

އެމްޑީޕީން ބުނީ މުވައްޒަފުންގެ މައްޗަށް އިސްވެރިންގެ ގޮތުގައި ތިއްބަވައި، އެ މުވައްޒަފުން ޕާރޓީއަށް ވެއްދުމުގެ ފޯމުގައި ސޮއިކުރުވުމަށް ހުށަހެޅުމަކީވެސް އޭގެ ޒާތުގައި މަޖުބޫރު ހާލަތަކަށް އެ މުވައްޒަފުން ވައްޓާލުމެވެ. އަދި އިތުރު އިޚްތިޔާރެއް އެ މުވައްޒަފުންނަށް ނޯންނާނެކަމެއް ކަމަށެވެ. ހަމައެފަދައިން އެ މުވައްޒަފުން ސޮއިނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރުދޭކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއީ ރައީސް ޢަބްދުﷲ ޔާމީނުގެ އަމުރަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ހިންގަމުންދާ ކޮރަޕްޝަންގެ މުޑުދާރު އަމަލެއް ކަމަށާއި މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ވަޒީފާއާބެހޭ ޤާނޫނާއި، އައިއެލްއޯގެ އެއްބަސްވުމާއި ބައިނަލްއަޤުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު ދަށުދަރަޖައިގެ ޖަރީމާއެއް ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

އެހެންކަމުން، މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެންނާއި ވަޒީފާގެ ބިރުދައްކައިގެން ޕީޕީއެމް އަށް ވެއްދުން ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

 

- ކޮމެންޓް