ކ. މާލެ
|
17 ޖެނުއަރީ 2019 | ބުރާސްފަތި 17:01
ދިޔާ އޭނާގެ ދަރިފުޅަށް ދިން ކުލަފަންސުރު ފޮށި
ދިޔާ އޭނާގެ ދަރިފުޅަށް ދިން ކުލަފަންސުރު ފޮށި
ޓްވިޓަރ
ކުލަފަންސުރު ފޮށި
މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
ކުލަ ފަންސުރުތަކުގައި ވަނީ މާނަފުން މެސެޖްތަކެއް ލިޔެފައި
ސޯޝަލް މީޑިޔާގައި އޭނާގެ މަސައްކަތަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައި

އެއީ މާ މޮޅު ފަންސުރުތަކެއް ނޫނެވެ. ގްރޭޑް އެކެއްގައި ކިޔަވަން ފެށި ދަރިފުޅަށް މަންމަ ދިނީ އާއްމުކޮށް ބާޒާރުގައި ވެސް ވިއްކަން ހުންނަ ވައްތަރުގެ ކުލަ ފަންސުރު ފޮއްޓެކެވެ. ނަމަވެސް އެ ކުލަތައް ޚާއްސަވީ އެއިން ކޮންމެ ކުލައެއްގައި މަންމަ ދަރިފުޅަށް ދީފައިވާ މެސެޖުތަކުންނެވެ. ލޯބި ހިތުގެ އެންމެ ފުންމިނުންނެވެ. އޭގައި ވަނީ ދިރިއުޅުމުގައި އަލަށް ފަށާ ދަތުރުގައި އޭނާގެ ދަރިފުޅަށް ކޮންމެހެން ބޭނުންވާނެ ނަސޭހަތްތަކެވެ. އޭނާގެ އިހްސާސްތައް އެއިން ކޮންމެ ފަންސުރަކުން ދޭހަކޮށްދެވެ. 

މިއީ ދާދި ފަހުން ސޯޝަލް މީޑިއާގައި ސަމާލުކަން ލިބިގެންދިޔަ ދިޔާމާ އިބްރާހީމް އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށް ދިން ކުލަފަންސުރު ފޮށީގެ ވާހަކައެވެ. ފަތުއަޑުކިޔާފައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ 24 ކުލައިގެ އެ ކުލަ ފޮށީގެ ކޮންމެ ކުލައެއްގައި "ޔޫ ކޭން ޑޫއިޓް" ފަދަ ހިތްވަރު ދިނުމުގެ ކޮންމެ ވެސް ޖުމްލައެއް އިނގިރޭސި ބަހުން އެ މަންމަ ވަނީ ކަނޑާ ނަގާފައެވެ.

ރީނދޫ ކުލައިގައި "ތިކަން ވާނެ"، އޮރެންޖް ކުލައިގައި "އަމިއްލަ ނަފްސަށް އިތުބާރު ކުރޭ"! ލިޔެފައި އޮތް އިރު ފިޔާ ތޮށި ކުލައިގައި "ތިއީ ހިތްހެޔޮ ކުއްޖެއް" ލިޔެފައި ވެއެވެ. ހުދު ކުލައިގައި "އުއްމީދު ކަނޑާނުލާ"، ނޫ ކުލައިގައި "އަހަރެމެން ލޯބިވޭ" ފަދަ މާނަ ފުން މެސެޖްތަކެއް ލިޔެފައި ވެއެވެ.

ދިޔާ އޭނާގެ ދަރިފުޅަށް ދިން ކުލަފަންސުރު ފޮށި

"އަހެރެން މި ނޯޓްތައް ދަރިފުޅުގެ ކުލަ ފަންސުރުތަކުގައި ލިޔުނީ، އޭނާ ބުނި ސްކޫލްގައި އަހަރެން އޭނާ ގާތުގައި ހުންނަ ފަދަ އިހުސާސެއް ވެއޭ" ކުލަފޮށީގެ ފޮޓޯއާ އެކު ދިޔާ ޓްވީޓްކޮށްފައި ވެއެވެ.

އުމުރުން 29 އަހަރުގެ އެ މަންމަގެ އެ މަސައްކަތަށް ހިތްވަރުދީ އެތައް ބަޔަކު އޭނާގެ ޓްވީޓް ރީޓްވީޓްކޮށް ލައިކް ދީ ކޮމެންޓްކޮށްފައި ވެއެވެ.

އެ ޓްވީޓް އެމްބެޑްކޮށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އަޅުގަނޑުމެން ދަރިންނަށް ދޭންވީ ކަހަލަ ޕޮޒިޓިވް މެސެޖްތަކެއް ކަމަށާއި ވަރަށް އުފެއްދުންތެރި ޚިޔާލެއް ކަމަށެވެ.

އެކަމަނާގެ އިތުރުން އެތައް ބަޔަކު ދިޔާގެ މި ޚިޔާލަށް މަރުހަބާ ކިޔައި ތައުރީފްކޮށްފައިވާއިރު އޮންލައިން ބައެއް ނޫސްތަކުގައި ވެސް މި ވާހަކަ ގެނެސްދީފައި ވެއެވެ.

އާދައިގެ ކުލަ ފޮށްޓަކަށް ދަރިފުޅަށް ޚާއްސަކޮށްގެން ގެނައި ބަދަލު ހިއްސާކޮށްލުމުން ލިބުނު ސަމާލުކަމާ އެކު ދިޔާ ވަނީ މިހާވަރުގެ ކަމަކަށް މިކަން ވެގެންދާނެ ކަމަށް ހީނުކުރާ ކަމަށް ބުނެފައެވެ. އަދި އެއީ އިންޓަނެޓުން ލިބުނު ޚިޔާލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދިޔާގެ ކުޑަކުޑަ މި މަސައްކަތުން އެތައް ބަޔަކަށް ވަނީ އެ މީހުންގެ ދަރިންނަށް ކުޑަކުޑަ ކަމަކުން ވެސް ހިތްވަރު ދިނުމުގެ ރޫހު ލިބިފައެވެ. އެއީ އާދައިގެ ކުލަފަންސުރު ފޮއްޓަކަށް ވިޔަސް އެ ފަންސުރުތަކުގައިވާ މެސެޖްތަކުން އޭގެ އަގު އެތައް ގުނައަކަށް ވަނީ އަރާފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ އޭނާގެ ދަރިފުޅަށް އެއީ އަގު ނުކުރެވޭ ވަރުގެ ބޮޑު ހަދިޔާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް