ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 18:49
ކަނޑު އިބިލީސް ޕޯސްޓަރު
ކަނޑު އިބިލީސް ޕޯސްޓަރު
ފޭސްބުކް
ދިވެހި ފިލްމީ ދާއިރާ
ކަނޑު އިބިލީސް މާލޭގައި ޕްރިމިއަރ ކުރަނީ
މި ފިލްމް މާލޭގައި ކުލަގަދަކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ ރެޑް ކާޕެޓް އިވެންޓަކާއި އެކުގައި

ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ ފިލްމް "ކަނޑު އިބިލީސް" އަންނަ މަހު 1 ގައި މާލޭގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިގފައިވާ ކަމަށް ފިލްމްގެ އެއް ޕްރޮޑިއުސަރ އަހުމަދު ޒިޔާދު ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ޒިޔާ ބުނީ މި ފިލްމް މާލޭގައި ކުލަގަދަކޮށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައި ވަނީ ރެޑް ކާޕެޓް އިވެންޓަކާ އެކުގައި ކަމަށެވެ.

ފިލްމްގެ ޕްރޮމޯޝަނަލް ލަވަ މި އިވެންޓުގައި ބިދަބިން ބޮޑުބެރު ގުރޫޕްގެ ފަރިހަރަކަތްތަކާ އެކު ފެނިގެންދާނެ ކަމަށް ޒިޔާ ބުންޏެވެ. މީގެ އިތުރުން ވެސް އިބްރާހިމް ނިފާރު (ތިއްތި) ކިޔާފައިވާ މި ފިލްމްގެ ތީމް ލަވަ ވެސް ރެޑް ކާޕެޓް އިވެންޓުގައި ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 15 ގައި ފިލްމްގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަން ފަށާފައިވާއިރު ޓިކެޓްގެ އަގަކީ 100 ރުޕިޔާއެވެ.

މާލޭގައި މިވަގުތު ދެއްކުމަށް ހަމަޖަހެފައި ވަނީ އެއް ޝޯ ކަމަށާއި ނަމަވެސް ފަހުން އަދި ސިނަމާތަކުގައި ފިލްމް އަޅުވާނެ ކަމަށް ޒިޔާ ބުންޏެވެ.

ޒިޔާ އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޕްރޮޑިއުސް ކޮށް އަދި ލީޑް ރޯލް ކުޅެފައިވާ  މި ފިލްމްގައި 100 އަށް ވުރެ ގިނަ ތުއްތު ކުދިން ފެނިގެންދާނެއެވެ. އަދި މިއީ ރެކޯޑް އަދަދެއް ކަމަށާއި  ފިލްމަކުން އެހާ ގިނަ ކުދިން އެއްފަހަރާ ފެނިގެންދާ ފިލްމަށް ވެގެން ދާނެ ކަމަށް ޒިޔާ ބުންޏެވެ.

ކޮޕީ އިއްސެ ޑައިރެކްޓް ކުރާ މި ފިލްމްގެ ވާހކަ ލިޔެފައިވަނީ އޭނާގެ ބައްޕަ ކޮޕީ މުހައްމަދު ރަޝީދުއެވެ.

މި ފިލްމު ވަނީ މިދިޔަ މަހު ރެޑް ކާޕެޓް ހަފްލާއަކާ އެކު ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ޕްރިމިއާ ކޮށްފައެވެ. "ކަނޑު އިބިލީސް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ކުޅުދުއްފުށީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް