މިދިޔަ ޑިސެމްބަރު 28 ގައި ރިލީޒް ކުރި ފިލްމް "ސިމްބާ" އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 350 ކްރޯޑަށް އަރައިފިއެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ކޮށްފައިވާ ޓްވީޓްގައި ވަނީ އެ ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ 350 ކްރޯޑަށް އަރާފައިވާ ކަމަށެވެ. އަދި ހަމައެކަނި އިންޑިއާ އިން މި ފިލްމަށް ލިބުނު އާމްދަނީ 200 ކްރޯޑަށް އަރާފައިވާ ކަމަށް އޭނާގެ ޓްވީޓްގައި ވެއެވެ. "ސިމްބާ" ވެގެން ގޮސްފައި ވަނީ ރަންވީރު ސިންގް ކުޅެފައިވާ ސޯލޯ ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.
މީގެ އިތުރުން "ސިމްބާ" ވެގެން ގޮސްފައި ވަނީ މި ފިލްމްގެ ޑައިރެކްޓަރ ރޯހިތު ޝެޓީގެ ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ލިބުނު އޭނާގެ އަށް ވަނަ ފިލްމަށެވެ. ތަރަން ބުނެފައިވާ ގޮތުން މި ފިލްމަށް އިންޓަނޭޝަނަލް މާކެޓްގައި ލިބުނު އާމްދަނީ ވަނީ 60 ކްރޯޑަށް އަރާފައެވެ. "ސިމްބާ" ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ސަންޖޭ ދަތުގެ ބައޯޕިކް "ސަންޖޫ" އަށް ފަހު ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދެވަނަ ފިލްމަށެވެ.ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޒޯޔާ އަޚްތަރުގެ ފިލްމް "ގަލީ ބޯއީ" އިންނެވެ. މި ފިލްމުގައި ރަންވީރު ފެނިގެންދާނީ ސްޓްރީޓް ރެޕަރއެއްގެ ރޯލުންނެވެ. އަންނަ މަހު 14 ގައި ރިލީޒްކުރާ މި ފިލްމްގައި ރަންވީރުއާ އެކު ލީޑް ރޯލުން ފެނިގެންދާނީ އާލިއާ ބަޓްއެވެ.