ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ނިމިދިޔަ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ވައްކަމަކީ ތަރައްޤީކަމުގައި ދައްކައި، ރައީސަކީ ޤާނޫނަށްވުރެ މަތީ މީހެއްކަމަށް ރައީސް ޔާމީންގެ އަރިހުގައި ތިބި ބަޔަކު މަސައްކަތް ކުރިއެވެ. މިއަދުވެސް އެމީހުން ހަމަ އެމަސައްކަތް އެދަނީ ކުރަމުންނެވެ. އެހެންނަމަވެސް ދިވެހިންނަކީ ތަންދޮރު ފިލާފައިވާ، 50 ހަތަރު ގުނަ ކުރީމާ ވަނީ ކިހާ ވަރެއްކަން ދަންނަ ބައެކެވެ. ޙަލާލާއި ޙަރާމް ވަކިކުރަން ދިވެހިން ދަނެއެވެ.
ވައްކަމާއި، ކޮރަޕްޝަނާއި، ދަރަންޏާއި، އަނިޔާއަށް ދިވެހިން އެވަނީ ނޫނެކޭ ބުނެފައެވެ. ރައީސް ޔާމީންއޭ ބުނުމުން "ތަރައްޤީ" ސިފަވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވިޔަސް، މިއަދު އެނަން އަޑުއިވުމުން ދިވެހިންގެ ގިނަ ބަޔަކަށް ސިފަވާނީ ވައްކަމާއި، ކޮރަޕްޝަނާއި، ދަރަންޏާއި އަނިޔާއެވެ. ހުޅުމާލެއަށް ބެލިޔަސް، ބްރިޖަށް ބެލިޔަސް ދިވެހިންގެ ސިކުނޑިއަށް އަންނާނީ ދަރަންޏެވެ. އައިޖީއެމްއެޗްގެ އިމާރާތް ފެނުނަސް، ސަރުކާރު ކުންފުންޏެއްގެ ނަން އަޑުއިވުނަސް ދިވެހިންގެ ސިކުނޑިއަށް އަންނަނީ ކޮރަޕްޝަނާއި ވައްކަމެވެ. އާއިލާގެ މީހަކަށް ކޮންމެވެސް ސިފައެއްގައި ޔާމީންގެ ވެރިކަމުގައި އަނިޔާއެއް ލިބިފައި ނެތް އާއިލާއެއް ނެތެވެ.
ތަރައްޤީއަކީ މީހާއަށް ވާ އެއްޗެކެވެ. ބްރިޖެއް އަޅާލިޔަސް އަދި އެއީ ތަރައްޤީ ނޫންކަން ބްރިޖް މަތީގައި ހިނގާ އެކްސިޑެންޓްތަކަށް ބަލާލީމަ އެބަފެނެއެވެ. ތަރައްޤީއަކީ ބްރިޖްގެ ޤަވާޢިދުތައް މީހުންނަށް ދަސްވެ، ތިމާވެއްޓާއި ރައްޓެހި ވެހިކަލްތަކެއްގައި، ޕްލޭންކުރެވިފައިވާ ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން ދުއްވާލެވުމެވެ. ޔާމީންގެ ތަރައްޤީ މާނަކުރެއްވީ ބްރިޖެއް ހަދާލުމަށްފަހު ބޮޑު އަގުގައި ކާލެވޭ ރެސްޓޯރަންޓެއްގައި ތިބެ އެބްރިޖަށް ބެލުންކަމުގައިވާނަމަ، ޔާމީންއަށް ތަރައްޤީގެ މާނަ ވަރަށް ބޮޑަށް އެވަނީ އޮޅިފައެވެ.
ތަރައްޤީ ފެށިގެން އަންނަނީ ގެއާއި ސްކޫލްތަކުންނެވެ. ޤައުމެއް ތަރައްޤީވެގެންދާނީ އެޤައުމެއްގައި އުފެދޭ ޒުވާން ޖީލު ބިނާކުރެވޭ ގޮތެއްގެ މައްޗަށެވެ. އެހެންކަމުން ޕާކްތަކެއްގެ ހެދުމުގެ ބަދަލުގައި ޒުވާން ޖީލަށް އިންވެސްޓްކުރަން ޖެހެއެވެ. އެޒުވާން ޖީލު ސްކޫލް ނިންމާފައި ނިކުމެ ހަލާލު މަސައްކަތުން އާމްދަނީ ހޯދައި، ޤައުމު ކުރިއަށް ގެންދިޔުމަކީ އެއީ ތަރައްޤީއެވެ.
ރައީސް ޔާމީން ގެންނެވި ތަރައްޤީ ނޫސްތަކުގެ ހެޑްލައިންތަކުން އެއޮތީ ފެންނާށެވެ. ސަރުކާރުގައި ސަލާމަތުން އޮތް އެންމެ ކުންފުންޏެއްވެސް ނެތެވެ. ދައުލަތުގެ މާލިއްޔަތު އެއޮތީ ހަފުސްކޮށްލާފައެވެ. ތަރައްޤީ ވީ ޔާމީންގެ ބޭންކް އެކައުންޓް އެކަންޏެވެ. ޔާމީންގެ ބޭންކް އެކައުންޓް ތަރައްޤީކުރީ ކިހިނެއްތޯ ކުރިއަށް އޮތް ދުވަސްތަކުގައި އެނގިގެންދާނެއެވެ. އަދި ޔާމީންއަށް އައި ތަރައްޤީގައި ބައިވެރިވަނީ ކޮން ބައެއްތޯވެސް އޭރުން އެނގިގެންދާނެއެވެ. އެއީ ދިވެހިން އެދޭ ތަރައްޤީއެއް ނޫނެވެ.
މިސަރުކާރުން މަޝްރޫޢުތަކެއް ނުހިންގައިގެން ލަސްވެގެން އުޅޭކަށް އަދި ނުޖެހެއެވެ. ޔާމީން 2013ގައި ވެރިކަމަށް އައީ އޭގެ ކުރިން 2 އަހަރު ވަންދެން އޮތް ވެރިކަމުގެ އެންމެ ވަރުގަދަ ބައިވެރިޔާގެ ގޮތުގައި ހުންނެވުމަށްފަހުއެވެ. އަދި ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެތިން މަސްތެރެއަކުވެސް މާބޮޑެތި ކަންތައްތަކެއް ވެފައެއް ނެތެވެ. މިއަދުގެ ސަރުކާރަށް އެންމެ ފުރަތަމަ ކަމަކަށް ކުރަން ޖެހިފައި އޮތީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމެވެ. އުސް އިމާރާތަކަށްވުރެ ދިވެހިންނަށް މުހިއްމީ އިންސާފާއި ހަމަހަމަކަމެވެ. މުއައްސަސާތައް އިސްލާހުކޮށް، ރައްޔިތުންގެ މަޖިލިސް ސާފުކުރުމެވެ. ދިވެހިން ކުރަމުން އެދަނީ އެމަސައްކަތަކެވެ. ސަރުކާރުންވެސް ކުރަމުން އެދަނީ އެމަސައްކަތެވެ.
އަބްދުއްރަހީމް ކިތަންމެ ބޭނުން ވިޔަސް، ތަރައްޤީގެ މާނައަކީ ޔާމީން ކަމަކަށް ނުވާނެއެވެ. ޔާމީންއޭ ބުނުމުން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާ އަދި ބޭއިންސާފު ނޫން އެއްޗެއް ދިވެހިންގެ ސިކުނޑިއަށް ނާންނާނެއެވެ.