ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 12:57
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
މިބިލްގައި 19 ބާބު އެކުލެވިގެންވާއިރު، 147 މާއްދާ ހިމެނޭ
މި ބިލް ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ހެއްކާ ގުޅޭ ކަންކަމުގައި އަމަލު ކުރެވޭ
ރާއްޖޭގެ ހުރިހާ ކޯޓަކުން އަދި މުއައްސަސާތަކުން ހެއްކާ ގުޅޭ ކަންކަމުގައި މި ގާނޫނަށް އަމަލު ކުރަންޖެހޭ

އަދުލްއިންސާފުގެ ދާއިރާއަށް މުހިއްމު ބިލެއް ކަމަށް ހެއްކާބެހޭ ބިލަށް ބަހުސްކުރުން ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރު ވަނަ ޖަލްސާ ހޯމަ ދުވަހު ބާއްވާއިރު، މަޖިލީހުގެ ތަޅުމުގައި މެމްބަރުން ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވާ ހެއްކާބެހޭ ބިލަކީ ރާއްޖޭގެ ޝަރުއީ ހުރިހާ ކޯޓުތަކެއްގައި ހިންގާ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އަމަލުކުރެވޭ ހެއްކާބެހޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކަށައަޅާފައިވާ ބިލެކެވެ.

 

މި ބިލަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، އިންސާފުން ޝަރީއަތްކުރެއްވުމުގެ ހައްގު، އެ ހައްގުގެ ގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލް ކަމުގައިވާ އެކީގެ އުސޫލްކަމުގައިވާ އެކީގެ އުސޫލް ތަފްސީލްކޮށް އަދި ސާފުކޮށް ގާނޫނުގައި ބަޔާން ކޮށްދޭ ބިލެކެވެ.

 

މި ބިލްގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައި ވެއެވެ. އަދި ހެކި ވަޒަން ކުރުމުގައި ކޯޓުން ތަބާވާންޖެހޭ އުސޫލްތައް ބަޔާން ކޮށްފައި ވެސް ވެއެވެ.

 

މީގެ އިތުރުން، ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގައި، ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކޮށްފައިވާއިރު، ހެކީގެ ގޮތުގައި ހުށަހެޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަން ބަޔާން ކޮށްފައި ވެސް ވެއެވެ.

 

ޝަރީއަތުގެ މަރުހަލާގެ އިތުރުން ވެސް ކަމެއް ތަހުގީގުކޮށް، ފިޔަވަޅު އެޅުމުގައި، ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގެ ދައުރެއް އޮތް، ކަމާ ގުޅުންހުރި މުއައްސަސާއަކުން ކޮންމެ މައްސަލައެއް ބެލުމުގައި ކަމާ ގުޅުންހުރި ނިސްބަތަކަށް، މި ގާނޫނުގެ އުސޫލްތަކަށް ތަބާވުން ލާޒިމްކޮށް، ހެއްކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ އުސޫލްތައް ހަރުދަނާކޮށް، އެއްގޮތް ކުރުން ކަމަށް ވެސް ހެއްކާބެހޭ މި ބިލްގައި ބުނެފައި ވެއެވެ.

 

މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

- ކޮމެންޓް