ކ. މާލެ
|
11 ޖެނުއަރީ 2019 | ހުކުރު 09:09
ލެވަންޓޭ އަދި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
ލެވަންޓޭ އަދި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ކޮޕާ ޑެލްރޭ
ކޮޕާ ޑެލްރޭ: ގަދަ 16 ގެ ފުރަތަމަ ލެގުން ލެވަންޓޭ އަތުން ބާސާ ބަލިވެއްޖެ
ލެވަންޓޭގެ މައްޗަށް ބާސާ ކުރިހޯދީ 1-2 ގެ ނަތީޖާއަކުން

ކޮޕާ ޑެލްރޭގެ ގަދަ 16 ގައި ކުޅުނު ފުރަތަމަ ލެގުން ލެވަންޓޭ އަތުން ބާސެލޯނާ ބަލިވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ ބަލިވީ ލެވަންޓޭއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަބަކޯއެވެ. މި ލަނޑަށްފަހު ވެސް ލެވަންޓޭއިން ވަނީ ބާސާގެ ގޯލަށް ނުރައްކާކޮށް، ހަމަލާ އުފައްދާފައެވެ.

އެގޮތުން 18 ވަނަ މިނެޓުގައި ލެވަންޓޭއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ބޯޖާ މަޔޯރަލްއެވެ. މި ލަނޑާއެކު ބާސާއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ލެވަންޓޭގެ ގޯލަށް ނުރައްކާކޮށްފައެވެ.

ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން ވެސް ހަމަލާތަކެއް ފެނިފައިވާއިރު، އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ބާސާގެ މައްޗަށް ލެވަންޓޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާ އިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ހަމަލާތައްވެސް ވަނީ ގިނަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ވަނީ ގިނަ ފުރުސަތުތައްވެސް ތަނަވަސްކޮށްފައެވެ.

މި ހާފްގައި ލެވަންޓޭއަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި އެޓީމުން ވަނީ ބާސާގެ ފަރާތުން ފެނިގެންދިޔަ ގިނަ ހަމަލާތައް މި ހާފްގައި ދިފާއުކޮށްފައެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ބާސާއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލނަޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ފިލިޕޭ ކުޓީނިއޯއެވެ.

ބާސާ އަދި ލެވަންޓޭ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހު 17 ވަނަ ދުވަހު ބާސާ ދަނޑުގައެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށް، އަވޭ ގޯލާއެކު ބާސާއަށް ކުއާޓާ ދިޔުމުގެ ފުރުސަތު ތަނަވަސްވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް