ކ. މާލެ
|
13 ފެބްރުއަރީ 2017 | ހޯމަ 08:57
ފެނަކަ ކޯޕަރޭޝަން - އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފަ
ފެނަކަ ކޯޕަރޭޝަން - އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފަ
މުހައްމަދު ޝަރުހާން
ކޮރަޕްޝަން
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
އެމްޑީޕީން އޭސީސީއަށް ހުށަހަޅާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލައެއް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މަޤާމުގެ ނުފޫޒު، ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ މައްސަލަ އެމްޑީޕީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

 

އެމްޑީޕީން، އޭސީސީއަށް ހުށަހެޅި މައްސަލަގައި ބުނެފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ޝަރީފު، ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުން ދޫކޮށްލެވުމަށް އެދި، އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ކެންޑިޑެސީ ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ވަޒީފާ ހަމަޖައްސަވައިދެއްވާނެކަމަށް ދަންނަވާފައިވާކަމަށެވެ. އަދި މީގެ ކުރީގެ އިންތިޚާބެއްގައިވެސް އެފަދަ ހުށަހެޅުމެއް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފު ހުށަހެޅުއްވިކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

 

ޕީޕީއެމް އިން ތިމަރަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ތިމަރަފުށީގެ  ކުރިއެރުމަށް މަންފާއެއް ލިބޭނީ ޕީޕީއެމްގެ ކައުންސިލަރުން ހޮވިގެން ކަމަށެވެ. އަދި ޕީޕީޢެމްއަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ތިމަރަރަފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ސްޓްރަކްޗަރ އަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ވެސް ޝަރީފް ދެއްވިއެވެ. އޭނާ ވިދާޅުވީ، މުއައްސަސާތަކުގެ އިސް ފަރާތްތަކާއި މުވައްޒަފުން އިޚްލާސްތެރިކަމާ އެކު ޕާޓީއަށް މަސައްކަތް ކޮށްގެން ކައުންސިލަރުން ހޮވަން އުޅެފި ނަމަ އެކަން ކާމިޔާބު ނުވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

 

"މިހާރުން މިހާރަށް ވެސް ދަންނަވާލަފާނަން އަމިއްލަ ގޮތުން ނުވަތަ އެމްޑީޕީން ކައުންސިލަށް ކުރިމަތި ލައްވަނީ ވަޒީފާގެ ބޭނުމުގައި ވެއްޖިއްޔާއި އަޅުގަނޑު މިހުރީ އެމީހުނަށް ވަޒީފާ ހޯދައިދޭން ތައްޔާރަށް" ޝަރީފް ވިދާޅުވިއެވެ.

 

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޝަރީފް މަސައްކަތްކުރެއްވިކަމަށް ބުނެ އެމްޑީޕީން މައްސަލައެއް އޭސީސީއަށް ހުށަހެޅުއްވިއިރު، ޝަރީފް ވަނީ ހޮނިހިރު ދުވަހު ބޭއްވުނު ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމްގައި، ފެނަކަ މުވައްޒިފުންގެ ފަރާތުން 2300 މެމްބަރުންގެ ސޮއި ހަމަކޮށް ޕީޕީއެމްއަށް ހުށަހަޅާފަ އެވެ.

 

ކޮރަޕްޝަން ހުއްޓުވުމަށް، ދިވެހިރާއްޖޭގައި އެކުލަވާލެވިފައިވާ ޤާނޫނުތަކުގައިވާގޮތުން، ވަކި ފަރާތަކަށް، ވަކި ޖަމާއަތަކަށް މަންފާ އާއި ފައިދާ ލިބޭގޮތަށް، ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތަކާއި، މުވައްޒިފުން ބޭނުންކުރުމަކީ ކޮރަޕްޝަން ކަމުގައި ބެލެވޭނެ އެވެ.

 

- ކޮމެންޓް