ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 15:21
އާސެނަލްއަށް ކުޅެމުން އަންނަ އާރޮން ރަމްސީ
އާސެނަލްއަށް ކުޅެމުން އަންނަ އާރޮން ރަމްސީ
ގެޓީ އިމޭޖަސް
އާރޮން ރަމްސީ
ޔުވަންޓަސްއަށް ބަދަލުވާން ރަމްސީ އެއްބަސްވެއްޖެ
ޔުވަންޓަސްއަށް ރަމްސީ ބަދަލުވަނީ ފަސް އަހަރަށް

އާސެނަލްއަށް ކުޅެމުން އަންނަ ވޭލްސްގެ މިޑްފިލްޑަރު އާރޮން ރަމްސީ ޔުވަންޓަސް އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ގާޑިއަން އިން ބުނީ، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 36 މިލިއަން ޕައުންޑަށް ޔުވަންޓަސް އަށް ބަދަލުވާން ރަމްސީ އެއްބަސްވެފައިވާ ކަމަށާއި، ޖެނުއަރީ ޓްރާންސްފާގައި އޭނާ އެ ކްލަބަށް ބަދަލުވާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ރަމްސީ އާސެނަލް ދޫކޮށްލަން ނިންމީ، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާނުކުރެވިގެންނެވެ.

ކުރިޔަށް އޮތް ސީޒަނަށް ފަހު އާސެނަލްއާ އެކު ރަމްސީ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު, ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ރަމްސީ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީ ވެސް ހިމެނެއެވެ.

ކާޑިފް ސިޓީން 2006 ވަނަ އަހަރު ކެރިޔަރު ފެށި ރަމްސީ ވަނީ އެ ކްލަބަށް 22 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ކާޑިފް ދޫކޮށް ރަމްސީ އާސެނަލް އަށް ބަދަލުވީ 2008 ވަނަ އަހަރެވެ.

ރަމްސީ ވަނީ އާސެނަލްއާ އެކު ހޭދަކުރި 10 ސީޒަނުގައި އެ ޓީމަށް މިހާތަނަށް ކުޅުނު 353 މެޗުގައި 64 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ތިން އެފްއޭކަޕް އަދި ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

އާސެނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފަވާ ރަމްސީ ވަނީ ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ދެ ފަހަރު ހޯދާފައެވެ.

މީގެ އިތުރުން ރަމްސީ ވަނީ ވޭލްސް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 58 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް