ބޮލީވުޑްގެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ އައިޝްވާރިޔާ ރާއީ އާއީ އަބީޝެކް ބައްޗަން އެކުގައި ކުޅެން ސޮއިކުރި ފިލްމު "ގުލާބް ޖާމޫ" އިން ދެ ތަރިން ވަކިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ދެ ތަރިން އެ ފިލްމް ކުޅުމަށް ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. ފިލްމް ކުޅުމަށް މި ދެތަރިން ސޮއިކޮށްފައި ވަނީ ސްކްރިޕްޓަށް އެ މީހުން ބޭނުންވި ބައެއް ބަދަލުތައް ގެނައުމަށްފަހުއެވެ.
ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުން ދެ މީހުން ވަކިވި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފިލްމާ ބެހޭ ގޮތުން ކުރިން އެ ދެ ތަރިން ވެސް ބުނެފައި ވަނީ "ގުލާބް ޖާމޫ"ގެ ސްކްރިޕްޓަކީ ވަރަށް ރީތި ސްކްރިޕްޓެއް ކަމަށާއި އެ ފިލްމް ވެސް ވަރަށް ރީތި ފިލްމަކަށް ވެގެންދާނެ ކަމަށެވެ.
ސަރްވޭޝް މެވާރާ ލިޔެ ޑައިރެކްޓް ކުރާ އެ ފިލްމުން އައިޝްވާރިޔާ އާއި އަބީޝެކް ވަކިވެފައިވާތީ އެކަން ވަރަށް އަވަހަށް ފިލްމުގެ ޓީމުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ޕިންކް ވިލާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އައިޝްވާރިޔާ އާއި އަބީޝެކް އެންމެ ފަހުން އެކުގައި ކުޅެފައި ވަނީ 2010 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ރާވަން"އެވެ.
އެ ޖޯޑު އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގުރޫ"، "އުމްރާއޯ ޖާން"، "ދޫމް "2، "ކުޗް ނާ ކަހޯ" އަދި "ދާއި އަކްޝަރު ޕްރޭމް ކޭ" ހިމެނެއެވެ.
އައިޝްވާރިޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ފަނޭ ހާން"އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމީޔާބީއެއް ލިބިފައެއް ނުވެއެވެ.
އަބީޝެކްގެ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "މަންމަރުޒިޔާ" އެވެ.