ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 20:45
ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް
ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް
މިހާރު
މައުމޫނު ފެކްޝަން
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
ކުންފުނިތަކުގެ މުއައްޒަފުންނަށް ވަޒީފާގެ ބިރު ދަނީ ދައްކަމުން
މެންބަރުންނެއް ލައްވާ 2 ވަނަ ފަހަރަށް ސޮއިކުރުވާ ކަމުގެ ޝަކުވާތައްވެސް ލިބިފައިވޭ

ސަރުކާރު މުއައްޒަފުންނަށް ބިރު ދައްކައި، ދަފްތަރުގައި ތިބި މެންބަރުންލައްވާ ދެވަނަ ފަހަރަށް ސޮއިކުރުވަމުންދާކަމަށް ބުނެ ރައީސް މައުމޫނުގެ ފެކްޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމްގެ ނަމުގައި މެންބަރުން އިތުރު ކުރުމަށް ހަރަކާތް ތަކެއް ހިންގަމުން ދާކަމުގެ މައޫލޫމާތު ލިބިފައިވާއިރު، މިފަދަ އެއްވެސް ހަރަކާތަކީ އެ ޕާޓީގެ ރައީސަށް އެނގިގެން ހިންގާ ހަރަކާތް ތަކެއް ނޫން ކަމަށެވެ.

ސިޔާސީ ޕާޓީ އަށް ސޮއިކުރުމަކީ ކޮންމެ މީހެއްގެ އަމިއްލަ އިޚުތިޔާރުގައި އޮންނަ ކަމަކަށް ވާއިރު، އެމީހަކު ސިޔާސީ ޕާޓީއަކާއި ގުޅެންވާނީ އަމިއްލަ އިޚުތިޔާރުގައި ފުރިހަމަ މިނިވަންކަމާއި އެކުގައި، އެއްވެސް ނުފޫޒެއް ނުވަތަ ބިރެއް ނެތިކަމަށް ދެކޭކަމަށް މި ބަޔާނުގައިވެއެވެ.

ނަމަވެސް މިހާރަކަށް އައިސް ޕީ.ޕީ.އެމް އަށް މެންބަރުން އިތުރުކުރުމުގެ ނަމުގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ މުއައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ޕީ.ޕީ.އެމް އަށް ވަނުމަށް މަޖުބޫރުކޮށް، ޕީ.ޕީ.އެމް އަށް ސޮއި ކުރުވަމުން ދާކަމުގެ އެތައް ޝަކުވާއެއް ލިބެމުންދާކަމަށް މައުމޫނުގެ ފެކްޝަނުން ބުންޏެވެ.

މީގެ އިތުރުން މިހާރުވެސް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި އެތައް މެންބަރުންނެއް ލައްވާ 2 ވަނަ ފަހަރަށް ސޮއިކުރުވާ ކަމުގެ ޝަކުވާތައްވެސް ލިބިފައިވާކަމަށެވެ. އެގޮތައް ކަންކަން ކުރުމަކީ ޤާނޫނު އަސާސީއާއި ޚިލާފު ކަމެެއްކަމަށާއި، އެއީ އެއްވެސް ހާލެއްގައި ޕީ.ޕީ.އެމް ގެ ނަމުގައި ކޮށްގެންވާނެ ކަންކަމެއް ނޫންކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެއެވެ. އަދި އެޕާޓީގެ ނަމުގައި މިކަން ކުރަމުން ދާ ބަޔަކު އެކަން އެގޮތައް ނުކުރުމަށް މައުމޫނު ފެކްޝަނުން ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޕީ.ޕީ.އެމް ގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ސީދާ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރަމުން ދާކަމުގެ މަޢުލޫމާތުވެސް ވަނީ ލިބަފަވާއިރު، ސަރުކާރުގެ ސުކޫލް ތަކާއި އެކިއެކި ސަރުކާރުގެ ކުންފުނިތަކުގެ މުއައްޒަފުން ވަޒީފާގެ ނުފޫޒުގައި ޕާޓީގެ އެކިއެކި ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބޭނުން ކުރުމަކީ ޕާޓީގެ އުސޫލުތަކާއި ޚިލާފު ކަމެއްކަމަސް އެ ފެކްޝަނުން ބުންޏެވެ.

"މިގޮތަށް ސަރުކާރުގެ ޢިމާރާތްތަކާއި ކުންފުނިތަކުގެ މުއައްޒަފުން ބޭނުން ކުރުމުގައި ސަރުކާރުގެ މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި އަދި ކުންފުނިތަކުގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ ދާއިރާ ގެ ވެރިން ގެ އިޙުމާލު ވަރަށް ބޮޑަށް އޮތްކަމެއް ކަމުގައި ދެކެމެވެ" މި ބަޔާނުގައި ވެއެވެ.

ޕީޕީއެމް އަށް ނިސްބަތްވާ ގޮތަށް މިކަހަލަ ބޮޑެތި ތުހުމަތުތައް ކުރުމުގެ ފުރުސަތު ދީފައި ވާތީވެ މައުމޫނުގެ ފެކެޝަނުން އެކަން ވަނީ ކުއްވެރިކޮށްފައެވެ. އަދި އެކަންކަން، އެފަރާތް ތަކަކުން އެކުރަނީ ޕާޓީ ގެ އަގު ވައްޓާލުމަށާއި ޕާޓީގަ ހެދިފައިވާ ޤަވާއިދާއި އުސޫލު ތަކާއި ޚިލާފަށް ކަމުގައި ދެކެކަމަށް ވެސް މައުމޫނުގެ ފެކްޝަނުން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ވެއެއެވެ.

- ކޮމެންޓް