ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 19:40
ކަނޑު އުޅަނދުފަހަރު ބަލާފާސްކުރުމުގެ އޮޕަރޭޝަނުގެ ތެރެއިން
ކަނޑު އުޅަނދުފަހަރު ބަލާފާސްކުރުމުގެ އޮޕަރޭޝަނުގެ ތެރެއިން
ޓްވިޓަރ
އެމްއެންޑީއެފް
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
މިއީ ކަނޑުމަތީގައި ހިނގާފާނެ އަލިފާނުގެ އާދިސާތައް މަދުކުރުމަށް ހިންގާ އޮޕަރޭޝަނެއް
މި އޮޕަރޭޝަން މި ހަފްތާގެ ނިޔަލަށް ކުރިއަށްދާނެ
ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް މި އޮޕަރޭޝަން ކުރިއަށްދާނެ

ކަނޑުމަތީގައި ހިނގާފާނެ އަލިފާނުގެ ހާދިސާތައް މަދުކުރުމުގެ ގޮތުން ކަނޑު އުޅަނދުފަހަރު ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް އިން ފަށައިފިއެވެ.

އާދިއްތަ ދުވަހު ފެށި މި އޮޕަރޭޝަނަކީ، މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި މާލޭގައި ހުރި ގުދަން، ވާރކްޝޮޕް އަދި ހޮޓާ ރެސްޓޯރެންޓްތައް ބަލާ ފާސްކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ ހިރާސްފާސް އޮޕަރޭޝަނުގެ ތެރެއިން، ކަނޑު އުޅަނދުފަހަރު ބަލާފާސް ކުރުމުގެ ގޮތުން ފެށި އޮޕަރޭޝަނެއް ކަމަށެވެ.

މާލޭ ނޯތު ހާބަރ ސަރަހައްދުގައި އާދިއްތަ ދުވަހު ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދާނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން ކަމަށް އެމްއެންޑީއެފް ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ މި އޮޕަރޭޝަންގައި ކަނޑު އުޅަނދުފަހަރުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި، އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ހާލަތު ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

ކަނޑު އުޅަނދުފަހަރު ބަލާފާސްކުރުމުގެ އޮޕަރޭޝަނުގެ ތެރެއިން

 

މި އޮޕަރޭޝަން ކުރިއަށްދާއިރު، އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޕްރޮގްރާމް މިހަފުތާގެ ނިޔަލަށް މާލެއާއި ވިލިމާލެއާއި އަދި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 12 އަށް ކުރިއަށްދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްއެންޑީއެފް ހުރިހާ އޭރިއާތަކެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 

- ކޮމެންޓް