ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 19:20
އާސެނަލް އަދި ހަލް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލް އަދި ހަލް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ގޯލް.ކޮމް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
 
ލިވަޕޫލް އޮތީ ކުޅުނު 25 މެޗުން ލިބުނު 49 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ
 
ޔުނައިޓެޑް އޮތީ ކުޅުނު 25 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގަ
 
އާސެނަލް އޮތީ ކުޅުނު 25 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ

ޕްރިމިއާ ލީގުގައި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ހޮޓްސްޕާ ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ހަލް ސިޓީއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ރަނގަޅަށް ކޮންޓްރޯލްކޮށްގެން ކުޅުނީ އާސެނަލް އެވެ. އެގޮތުން މެޗު ފެށިގެން 34 ވަނަ މިނެޓުގައި އެލެކްސަސް ސަންޗޭޒް ވަނީ އެޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހުވެސް އާސެނަލް އަށް ވަނީ ލަނޑު ޖެހުމަށް ފުރަތަމަ ހާފްގައި ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ހަލް ސިޓީއަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ހަލްސިޓީގެ މައްޗަށް އާސެނަލް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލް ހަލް ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، އާސެނަލްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް މެޗުގެ އިތުރުވަގުތުގެ ތެރޭގައި އާސެނަލް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ސަންޗޭޒް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ.

މި ނަތިޖާއާއެކު އާސެނަލް އޮތީ ކުޅުނު 25 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. މި މެޗުން ބަލިވި ހަލް ސިޓީ އޮތީ ކުޅުނު 25 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ވަޓްފޯޑްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. ޔުނައިޓެޑުން ވަނީ 32 ވަނަ މިނެޓުގައި ހުއާން މަޓާގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެންތޮނީ މާޝިއާލް އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވަޓްފޯޑްގެ މައްޗަށް ޔުނައިޓެޑް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒްލަޓަން އިބްރާހިމުވިޗްގެ އެހީތެރިކަމާއެކު މާޝިއަލް އެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑުން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. މީގެއިތުރުން ވަޓްފޯޑް އަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ކުޅުނު 25 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ. މެޗުން ބަލިވި ވަޓްފޯޑް އޮތީ ކުޅުނު 24 މެޗުން ލިބުނު 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް އަތުން ލިވަޕޫލް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށްވެސް މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

ލިވަޕޫލް އިން މެޗުގެ ލީޑު ނެގީ 16 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭއެވެ. އޭގެ ދެ މިނެޓު ފަހުން މާނޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލިވަޕޫލް އަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑުތަކަށްފަހު ލިވަޕޫލް އިން ފަހަތަށް ޖެހި ޑިފެންސިވް ކުޅުމެއް ދެއްކި އިރު، ޓޮޓެންހަމް އަށް ވަނީ ލަނޑު ޖެހުމަށް ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ލިވަޕޫލް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޓޮޓެންހަމް އެވެ. އެހެންނަމަވެސް އެޓީމަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 25 މެޗުން ލިބުނު 49 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ އެވެ. މެޗުން ބަލިވި ޓޮޓެންހަމް އޮތީ ކުޅުނު 25 މެޗުން ލިބުނު 50 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް