ކ. މާލެ
|
4 ޖެނުއަރީ 2019 | ހުކުރު 16:11
ރެއާލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ރެއާލް އާއި ވިޔަރެއާލްގެ ކުރިމަތިލުން އެއްވަރުވެއްޖެ
 
ރެއާލް އޮތީ 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ވިޔަރެއާލްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރެއާލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ވިޔަރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި ކާމިޔާބުކުރީ ސަންޓީ ކަޒޯލާއެވެ. މިއީ އޭނާ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު ލަލީގާގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އެހެންނަމަވެސް ހަތްވަނަ މިނެޓުގައި ކަރިމް ބެންޒެމާ ކާމިޔާބުކުރި ލަނޑުން ރެއާލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަށްފަހު ރެއާލުން ދިޔައީ ވިޔަރެއާލްގެ ގޯލަށް ފުލުފުލުގައި ނުރައްކާ ކުރަމުންނެވެ.

އެގޮތުން 20 ވަނަ މިނެޓުގައި ރެއާލުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާންއެވެ.

ދެވަނަ ހާފް ފެށިގެންވެސް ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ވިޔަރެއާލްއިން ނަތީޖާ ހަމަހަމަކުރީ 82 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކަޒޯލާއެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 41 ވަނަ ލަނޑެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 17 މެޗުން ލިބުނު 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. ވިޔަރެއާލް އޮތީ ކުޅުނު 17 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް