ކ. މާލެ
|
4 ޖެނުއަރީ 2019 | ހުކުރު 09:21
ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ލިވަޕޫލް ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް، ސިޓީއަށް އުންމީދެއް
 
ލިވަޕޫލް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި
 
ސިޓީ އޮތީ އަދިވެސް ޕޮއިންޓް ތާވަލުގެ ދެވަަނައިގައި

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލް ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، މެންޗެސްޓާ ސިޓީން ތަށްޓަށް ކުރާ އުންމީދު އާކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލްއާ ވާދަކޮށް ސިޓީން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލިވަޕޫލްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ދިޔައީ ހަމަލާތައް އުފައްދަމުންނެވެ.

މި ހާފްގައި ލިވަޕޫލުންވެސް ވަނީ ސިޓީގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތެއް އެޓީމަށް މި ހާފްގައި ލިބިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑޫ 40 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސާޖިއޯ އަގުއެރޯއެވެ. މި ލަނޑަށްފަހު ލީޑު ފުޅާކުރަންވެސް އަގުއެރޯއަށް ވަނީ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލުން އެޓީމުގެ ކުޅުން ވަރުގަދަކޮށްފައިވާއިރު، ގިނަ ހަމަލާތަކެއް އެޓީމުން ވަނީ އުފައްދާފައެވެ. އެގޮތުން 64 ވަނަ މިނެޓުގައި ރޮބާޓްސަންގެ އެހީތެރިކަމާއެކު ރޮބާޓޯ ފިރްމީނޯ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެހެންނަމަވެސް ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، 72 ވަނަ މިނެޓުގައި އަނބުރާ ލީޑު ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ލީރޯއި ސާނޭއެވެ.

މެޗުގެ ފަހު 10 މިނެޓު ތެރޭގައި ލިވަޕޫލްއަށް ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތުތައް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

މިއީ ލީގުގައި މި ސީޒަނުގައި ކުޅުނު 21 މެޗުގެ ތެރެއިން ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން ސީޒަނެއްގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރީ އާސެނަލްއެވެ.  އެޓީމު ވަނީ ބަލިނުވެ 38 މެޗު ހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 21 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ލިވަޕޫލް އޮތީ ކުޅުނު 21 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޓޮޓެންހަމް ތިންވަނައިގައި އޮތްއިރު، ހަތަރުވަނައިގައި އޮތީ ޗެލްސީއެވެ. އަދި ފަސްވަނައިގައި އާސެނަލް އޮތްއިރު، ހަވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް