ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާއްމު އުސޫލުތަކާ ހިލާފަށް ސައުދީ ސަރުކާރުން އެހީ ހޯދާކަމަށް ކުރެވޭ ތުހުމަތުތަކަކީ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވާ މައްސަލައެއް ކަަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައިވަނީ މި ސަރުކާރުން އާއްމު މިންގަނޑުން ބޭރުން ސައުދީއާއެކު ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ކުރެވޭ ތުހުމަތު ތަކަކީ ވަރަަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިއީ ނުހަނު ކަންބޮޑުވާ ކަމެއް ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Allegations of irregular funding of the current regime by the Saudi Govt is an issue of concern to the vast majority of Maldivians.
— Mohamed Nasheed (@MohamedNasheed) February 12, 2017
ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، ދާދިފަހުން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައިވެސް ވަނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.
މިސަރުކާރުން ރާއްޖޭގެ އިގްތިސާދުގެ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ކުރަނީ ބޭރު ލޯނަށް ބަރޯސާވެގެންކަން ފާހަގަކޮށް މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ސައުދީ ސަރުކާރުގެ އިތުރުން ޗައިނާ ސަރުކާރުގެ މާލީ އިދާރާތަކާއި ކުންފުނިތަކާ ގުޅިގެން އާއްމު އުސޫލުން ބޭރުން ގައުމުގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދާކަމަށް އަޑުފެތުރިފައިވާ އިރު، މިދިޔަ އަހަރު އެކަނިވެސް ސަރުކާރުން ވަނީ ތަަރައްގީގެ މަޝްރޫއުތައްކަށް 4.79 ބިލިއަން ރުފިޔާގެ ލޯން ބޭރުގެ މާލީ އިދާރާތަކުން ނަގައިފަ އެވެ. މި ލޯންތައް އެންމެ ގިނައިން ނަގާފައިވަނީ ސައުދީއާ ގުޅުން ހުރި މާލީ އިދާރާތަކުންނާއި ޗައިނާއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ ބަޔާނުގައި ވަނީ މި އަހަރުވެސް އިތުރު މަޝްރޫއުތަކަށް ލޯން ނަގާނެ ކަމަށް ވިދާޅުވެފަ އެވެ.