ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 12:28
ޔުނައިޓެޑު އަދި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ޔުނައިޓެޑު އަދި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޔުނައިޓެޑު މޮޅުވިއިރު، ޗެލްސީ އެއްވަރުވެއްޖެ
 
ޔުނައިޓެޑު މޮޅުވީ ނިއުކާސަލްއާ ވާދަކޮށް 0-2 އިން

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު މޮޅުވިއިރު، ޗެލްސީ އެއްވަރުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ނިއުކާސަލް ދަނޑުގައި ކުޅުނު މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

މި ހާފްގައި ނިއުކާސަލްއަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތެއް ލިބިފައިނުވި ނަމަވެސް ޔުނައިޓެޑުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް އެޓީމުން ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 64 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ޔުނައިޓެޑުން ލީޑު ފުޅާކުރީ 80 ވަނަ މިނެޓުގައި އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާއެކު މާކަސް ރަޝްފޯޑް ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 21 މެޗުން ލިބުނު 38 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. މެޗުން ބަލިވި ނިއުކާސަލް އޮތީ ކުޅުނު 21 މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ އެއްވަރުވީ ސައުތުހެމްޓަންއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މެޗު ފެށިގެން ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން ވިލިއަން އާއި އެޑެން ހަޒާޑްއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މި ހާފްގައި ސައުތުހެމްޓަންގެ ފަރާތުންވެސް ހަމަލާތަކެއް ފެނިގެންދިޔައިރު، އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފްގައިވެސް ޗެލްސީގެ ފަރާތުން ގިނަ ހަމަލާތައް ފެނިގެންދިޔަ ނަމަވެސް ލަނޑެއް ޖެހުމަށް އެޓީމު ވަނީ ނުކުޅެދިފައެވެ. ސައުތުހެމްޓަނުން ވަނީ ޗެލްސީ ހިފެހެއްޓުމަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 21 މެޗުން ލިބުނު 44 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. ސައުތުހެމްޓަން އޮތީ ކުޅުނު 21 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް