ކަރަންޓުގައި ޖެހުނު ފެނަކައިގެ ދެ މުވައްޒަފުންގެ ހާލު މިހާރު ރަނގަޅު ކަމަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު ވިދާޅުވީ ކަރަންޓުގައި ޖެހުނު ދެ މުވައްޒަފުންގެ ތެރެއިން އެކަަކު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަދި ދެ ވަނަ މުވައްޒަފު އައިސީޔޫ އިން ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ޝާހު ވިދާޅުވީ ވޯޑަށް ބަދަލު ކުރި މުވައްޒަފުގެ ހާލު ވެސް ރަނގަޅު ކަމަށާއި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދަން ނުޖެހޭ ކަަމށެވެ. އަދި ވަރަށް އަވަހަށް އޭނާ ދޫކޮށްލާނެ ކަމަށް ވެސް ޝާހު ބުންޏެވެ.
ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހިފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމްގެ ކަރަންޓުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ.