ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުން މިމަހުގެ 26 ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފި އެވެ.
ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމަށް ގުރުއަތު ނެގުން ބާއްވަން ހަމަޖައްސާފައި އޮތީ އާދިއްތަ ދުވަހު އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ ގުރުއަތުލުން ފަސްކޮށްފައިވާކަން ކެނޑިޑޭޓުންނަށް އަންގަމުންނެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ ގުރުއަތުލުން ފަސްކޮށްފައިވަނީ، އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާތީ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިހާރު ވެސް އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅަމުންދާ ކަމަށާއި، އެހެންކަމުން ގުރުއަތުލުން ބާއްވަން މިހާރު ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން އޮތް އިންތިޚާބު އެންމެ ފުރަތަމަ ފަސްކޮށްފައިވަނީ އޭޕްރީލް 8 ވަނަ ދުވަހަށެވެ. އިންތިޚާބު ފަސްކުރީ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނަށް އިންތިޚާބަށް ތައްޔާރުނުވެވިގެން އިންތިޚާބު ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
އެއަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އަނެއްކާ ވެސް އިންތިޚާބު ފަސްކޮށްފަ އެވެ. އޭޕްރީލް 8 ވަނަ ދުވަހު ބާއްވާން އިއުލާނުކުރި އިންތިޚާބު، އޭޕްރީލް 15 ދުވަހަށް ފަސްކުރީ އިންތިޚާބު ބޭއްވުމަށް ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އެވެ. އިންތިޚާބު ފަސްކުރީ އެޑިއުކޭޝަންސް މިނިސްޓްރީ އިން އެދިގެން ކަމަށް ކޮމިޝަނުން ބުނި ނަމަވެސް، އެކަމާ ގުޅޭ ގޮތުން މިނިސްޓްރީ އިން ވަކި އެއްޗެއް ނުބުނެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚު ދެ ފަހަރެއްގެ މަތިން ބަދަލުކޮށް، އިންތިޚާބީ ނިޒާމު ގަނޑުބަނޑު ކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އިލެކްޝަންސް ކޮމިޝަނަށް ފާޑު ކިޔަމުންނެވެ. އެ ޕާޓީތަކުން ބުނާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ފަސްކޮށް ނިޒާމަށް ބަދަލުތަކެއް ގެންނަމުން ދަނީ ރައީސް ޔާމީނުގެ ޕީޕީއެމް ފެކްޝަނުގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުލިބިގެންނެވެ. މުޅި ކޮމިޝަން އެއްކޮށް ސިޔާސީވެ، ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް ޕާޓީތަކުން ބުނެ އެވެ.