ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 11:30
ސެސް ފެބްރިގާސް
ސެސް ފެބްރިގާސް
ޓްވިޓަރ
ސެސް ފެބްރިގާސް
ފެބްރިގާސް މޮނާކޯއަށް ބަދަލުވުމާ ގާތަށް
 
ފެބްރިގާސްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ

ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު ސެސް ފެބްރިގާސް މޮނާކޯއަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގޯލްޑޮޓްކޮމްއިން ބުނީ ފްރާންސްގެ ކުރީގެ ލެޖެންޑް ތިއެރީ އޮންރީ ކޯޗުކޮށްދެމުން އަންނަ މޮނާކޯއަށް ފެބްރިގާސް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށާއި، ޓްރާންސްފާގެ އެންމެ ފަހުގެ ކަންތައް މިހާރު ކުރިޔަށްދާ ކަމަށެވެ.

މޮނާކޯގެ އިތުރުން އޭސީ މިލާނުންވެސް ހޯދަން މަސައްކަތް ކުރަމުން އަންނަ ފެބްރިގާސްއަށް ގިނަ ކްލަބްތަކުން ޝައުގުވެރިވެއެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ، ފެބްރިގާސް ކުޅޭ ޕޮޒިޝަނަށް ޗެލްސީގައި އޭނާގެ އިތުރުން ކުޅެނީ ޖޯޖީނޯ ކަމަށާއި، ފެބްރިގާސް ނެތި ވަރަށް އުނދަގޫވާނެ ކަމަށެވެ. އަދި ފެބްރިގާސްއަކީ ޗެލްސީއަށް މުހިންމު ކުޅުންތެރިއެއް ކަމަށް ވެސް ސާރީ ވަނީ ބުނެފައެވެ.

އެގޮތުން ސާރީ ބުނީ، ފެބްރިގާސް ގޮސްފި ނަމަ، އެހެން ކުޅުންތެރިޔަކު ހޯދަން ޗެލްސީއަށް ޖެހޭނެ ކަމަށާއި، ފެބްރިގާސްގެ ރިޕްލޭސްމަންޓެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއާ ގުޅިގެން ފެބްރިގާސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް، އޭސީ މިލާނުން ވަނީ ފެބްރިގާސް ހޯދުމަށް މަސައްކަތް ފަށާފައެވެ.

ޗެލްސީއާ އެކު ފެބްރިގާސް ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވެއެވެ. އެގޮތުން ޖެނުއަރީ ޓްރާންސްފާގައި ޗެލްސީން ފެބްރިގާސް ވިއްކާނުލައިފި ނަމަ، މި ސީޒަނަށް ފަހު ފެބްރިގާސް އަށް ފްރީ ޓްރާންސްފާއެއްގެ ދަށުން ކްލަބް ބަދަލުކުރަން ފުރުސަތު ލިބޭނެއެވެ.

އާސެނަލް އިން 2003 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 29 އަހަރުގެ ފެބްރިގާސް ވަނީ އާސެނަލްއާ އެކު އޭނާ ހޭދަކުރި އަށް ސީޒަނުގައި އެޓީމަށް ކުޅުނު 303 މެޗުގައި 57 ލަނޑު ކާމިޔާބު ކޮށްފައެވެ.

އާސެނަލް ދޫކޮށްލުމަށް ފަހު 2011 ވަނަ އަހަރު ފެބްރިގާސް ބާސާ އަށް ވަނީ ބަދަލުވެފައެވެ. އެގޮތުން އޭނާ ވަނީ އެ ޓީމާ އެކު ހޭދަކުރި ތިން ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ވެސް އެޓީމާ އެކު ހޯދާފައެވެ.

ބާސާއާއެކު ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ފެބްރިގާސް ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ.

ފެބްރިގާސް ވަނީ ޗެލްސީ އަށް މިހާތަނަށް ކުޅުނު 196 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑްކަޕް ކާމިޔާބު ކުރި ފެބްރިގާސް ވަނީ އެ ގައުމަށް ދެ ފަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް