ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 11:20
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޓޮޓެންހަމް ތިންވަނަ އަށް ޖެހިލިއިރު، އާސެނަލްއިން ފަރަގު ކުޑަކޮށްފި
 
އާސެނަލް އޮތީ ތާވަލުގެ ފަސްވަނައިގައި
 
ޓޮޓެންހަމް ދެވަނައި އޮތީ 48 ޕޮއިންޓާއެކު

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއިން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، އާސެނަލްއިން ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ ކާޑިފް ސިޓީއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން ތިންވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ޓޮޓެންހަމުން ދިޔައީ ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންނެވެ. އެގޮތުން 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރީ ކްރިސްޓިއަން އެރިކްސަންއެވެ.

ޓޮޓެންހަމްގެ ތިންވަނަ ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސޮންއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ހެރީ ކޭންގެ އެހީތެރިކަމާއެކުގައެވެ.

ދެވަނަ ހާފް ފެށިގެންވެސް ޓޮޓެންހަމްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް މި ހާފްގައި ކާޑިފްއިން ވަނީ ޓޮޓެންހަމްގެ ހަމަލާތައް ދިފާއުކޮށްފައެވެ.

މުޅި މެޗުގައިވެސް ކާޑިފްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ރަނގަޅު ހަމަލާއެއްވެސް ގޯލާ އަމާޒުކޮށް އުފެއްދިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 21 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ކާޑިފް އޮތީ ކުޅުނު 21 މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މި ލަނޑު 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޒަކާއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ އާސެނަލްއިންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 55 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒެންޑްރާ ލަކަޒޭޓްއެވެ. އެހެންނަމަވެސް 69 ވަނަ މިނެޓުގައި ކަމާރާ ވަނީ ފުލަމްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އާސެނަލްގެ ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ އާރޮން ރަމްސީއެވެ. މި ލަނޑަށްފަހުވެސް ފުލަމްގެ ގޯލަށް ނުރައްކާކޮށް އާސެނަލް އިން ވަނީ ގިނަ ހަމަލާތައް ފޮނުވާލާފައެވެ.

އެގޮތުން 83 ވަނަ މިނެޓުގައި އެޓީމުން ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ އޮބަމަޔަންގްއެވެ.  

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 21 މެޗުން ލިބުނު 41 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. އާސެނަަލް އާއި ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު މިހާރު އޮތީ އެއް ޕޮއިންޓެވެ. މެޗުން ބަލިވި ފުލަމް އޮތީ ކުޅުނު 21 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް