ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 14:29
ރެއާލް އަދި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އަދި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
 
ރެއާލް އޮތީ ކުޅުނު 20 މެޗުން ލިބުނު 49 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި
 
ބާސާ އޮތީ ކުޅުނު 22 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި ބާސާ ކުޅުނު މެޗުތަކުން އެޓީމުތައް މޮޅުވެ، މަގާމު ދަމަހައްޓައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އޮސަސޫނާއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

އޮސަސޫނާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ރެއާލް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 24 މިނެޓުގައި ކްރިސްތިއާނޯ ރޮނާލްޑޯ އެވެ.

މި ލަނޑަށްފަހުވެސް ރެއާލް އަށް ވަނީ ލަނޑޫ ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެން ނަމަވެސް ރެއާލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި އޮސަސޫނާގެ ސާޖިއޯ ލިއޯން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެޓޭކްތައްވެސް ރަނގަޅުކޮށްފައެވެ. އެގޮތުން 62 ވަނަ މިނެޓުގައި އިސްކޯ ކާމިޔާބުކުރި ލަނޑުން ރެއާލް އިން ވަނީ ލީޑު އަނބުރާ ހޯދާފައެވެ.

މީގެއިތުރުންވެސް ރެއާލް އަށް ވަނީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ރެއާލް އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު އިތުރުވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކޭޒް އެވެ.

މި ނަތިޖާއާއެކު ރެއާލް އޮތީ ކުޅުނު 20 މެޗުން ލިބުނު 49 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި އޮސަސޫނާ އޮތީ ކުޅުނު 22 މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އަލަވޭސްއާ ވާދަކޮށް ބާސާ މޮޅުވީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ބާސާ އަށް ވަނީ މެޗުގެ ކުރީކޮޅު ލިބި ބޭކާރުވެފައެވެ.

ބާސާ އިން މެޗުގައި ލީޑު ނެގީ 37 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ބާސާ އަށް ލީޑު ފުޅާކޮށްދިނީ ނޭމާ އެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އަލަވޭސްގެ މައްޗަށް ބާސާ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެޓޭކް ވަރުގަދަކޮށްފައެވެ. އެގޮތުން 59 ވަނަ މިނެޓުގައި ލިއޮނެލް މެސީގެ ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ބާސާ އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑަކީ އަލަވޭސްގެ އެލެކްސިސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ބާސާއިން މެޗުގައި ކާމިޔާބުކުރި ފަސް ވަނަ ލަނޑު 65 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗް އެވެ. އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސުއަރޭޒް އެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 22 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. އަލަވޭސް އޮތީ ކުޅުނު 22 މެޗުން ލިބުނު 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް