2018 ވަނަ އަހަރަށް އަލްވަދާއު ކިޔާ އިރު، އެތައް އެތައް ކަމެއް އަހަރުގެ ތެރޭގައި ބައިނަލް އަގްވާމީ މައިދާނުގައި ވަނީ ހިނގާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކަމަށް ސުރުހީތަކަށް ބަލާލާނަމެވެ.
1. މެލޭޝިއާގެ އާއްމު އިންތިހާބު
މެލޭޝިއާގައި 61 އަހަރު ވަންދެން ވެރިކަން ކުރަމުން ގެންދިޔަ ބަރިސަން ނެޝަނަލް ބަލިކޮށް އިދިކޮޅު ޕަކަޓަން ހަރަޕަންއިން ވެރިކަމަށް އައީ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ލީޑަރަކަށް ހުންނަވައިގެންނެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ކުރީގެ ބޮޑު ވަޒީރު ނަޖީބް ރަޒަކްގެ މައްޗަށް މަހާތިރް ކާމިޔާބު ހޯއްދެވުމަށް ފަހު، އުމުރުން 92 އަހަރުފުޅުގައި ދުނިޔޭގެ އެއްމެ ދުވަސްވީ ލީޑަރަށް ވެވަޑައިގެންނެވީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.
2. ތައި ހޮހޮޅައިގެ ތެރޭގައި ތާށިވީ ކުދިން
ޖޫން މަހުގެ 23 ވަނަ ދުވަހު ހޮހޮޅަ ތެރޭގައި އެގާރަ އަހަރާއި 15 އަހަރާއި ދެމެދުގެ 13 ކުދިން ތާށިވީ ފުޓްބޯޅަ ކުޅުމަށް ފަހު ކޯޗާއިއެކީ އެ ތަން ބަލާލަން ގޮސް އުޅެނިކޮށް ބޯކޮށް ވާރޭވެހި ހޮހޮޅަ ތެރޭގައި ފެން ބޮޑުވުމާއި ގުޅިގެންނެވެ. ދެ ހަފުތާގެ ބުރަ މަސައްކަތަށް ފަހު މި ހުރިހާ ކުދިންނާއި ކޯޗު ސަލާމަތް ކުރެވުނީ ޖުލައި 8 ވަނަ ދުވަހުގައެވެ. މި ކުދިން ސަލާމަތް ކުރުމުގައި އެހީތެރިވެދޭން ދިޔަ ތައިލެންޑް ނޭވީގެ ޑައިވަރު ސަމަން ކުނާން ވަނީ މަރުވެފައެވެ.
3. ރަޝިޔާ ވޯލްޑް ކަޕް
އެއްމެ ބޮޑު ހަރަދެއް ކޮށްގެން މިހާތަނަށް ބޭއްވުނު ވާދަވެރި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފްރާންސުންނެވެ. މައްސަލަ ބޮޑުވާނެ ކަމަށް ބެލެވުނު ވޯލްޑް ކަޕް ނިމިގެން ދިޔައީ ވަރަށް ފުރިހަމައަށެވެ. އަދި މިކަމުގެ ސަބަބުން ރަޝިޔާއަށް ތައުރީފް ލިބިގެން ދިޔައިރު، ދުނިޔޭގެ އެކިކަންކޮޅު ތަކުން 3.6 ބިލިއަން މީހުން ވޯލްޑް ކަޕް ބެލުމާއި ގުޅިގެން ވަނީ އާ ރެކޯޑެއް ގާއިމްކޮށްފައެވެ.
4. އުތުރު ކޮރެއާގެ ލީޑަރަކު ފުރަތަމަ ފަހަރަށް ދެކޮރެއާގެ ސަރަހައްދީ ރޮނގު ހުރަސްކުރުން
އެޕްރިލް 27 ވަނަ ދުވަހު ކިމް ޖޮންގް އުން ވެގެން ދިޔައީ ދެ ކޮރެއާގެ ސަރަހައްދީ ރޮނގު ހުރަސް ކުރެއްވި އުތުރު ކޮރެއާގެ ލީޑަރަށެވެ. މި ތާރީހީ ބައްދަލުވުމުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ-އިން އާއި އެކު ކިމް ވަނީ ދެ ގައުމުގު ދެމެދުގައި އޮތް ހަނގުރާމަ ނިމުމަކަށް ގެންނަން އެއްބަސްވުމަށް ފަހު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
5. އެމެރިކާއާއި ޗައިނާގެ އިގްތިސާދީ ހަނގުރާމަ
އެމެރިކާއާއި ޗައިނާއިން އެއް ގައުމު އަނެއް ގައުމަށް އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އަދި ދެ ގައުމުގެ އިގްތިސާދީ ހަނގުރާމައިގެ ސަބަބުން އެހެން ގައުމުގެ އިގްތިސާދީ ސިޔާސަތުތަކާއި ކުރިއަށް ލަފާކުރެވެ އިގްތިސާދީ ކުރިއެރުމުގެ އަދަދުތަކައް ވެސް ބަދަލު ގެންނަން ޖެހުނެވެ. އަދި މިކަމުގެ ސަބަބުނެ ދެ ގައުމުގެ ހާރިޖީ ގުޅުން ވަނީ ވަރަށް ބޮޑުތަން ގޯސްވެގެން ގޮސްފައެވެ. އަހަރު ނިމިގެން ދިޔައީ ދެ ގައުމުގެ ދެބަސްވުންތަކަށް ހައްލެއް ގެނައުމަށް 2019ގެ މާޗު މަހުގެ ކުރިން ނިންމުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމަށް ފަހުގައެވެ.
6. އިންޑޮނީޝިއާގެ ބިންހެލުމާއި ސުނާމީ
ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ސުންޑާ ސްޓްރެއިޓްގެ އައްސޭރިއަށް ސުނާމީ އެރުމާއި ގުޅިގެން 437 މީހުން މަރުވެ އެތައް ބަޔަކު ވަނީ ވީނުވީ ތަނެއް ނޭނގި ގެއްލިފައެވެ. މި ސުނާމީ އަރަން މެދުވެރިވީ ޖާވާއާއި ސުމަތްރާއާއި ދޭތެރޭ އޮންނަ އަނަކް ކްރަކާޓާއޫ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެންނެވެ. މި ސުނާމީ އެރުމުގެ ކުރިން އެއްވެސް ކަހަލަ އިލްތިމާސެއް ލިބިފައި ނުވުމާއި ގުޅިގެން، އިންޑޮނީޝިއާއިން މި ކަހަލަ ކަމަކަށް ތައްޔާރުވެފައި އޮތް މިންވަރާ މެދު ވަނީ ސުވާލު އުފައްދާފައެވެ.
7. ޖަމާލް ހާޝޯގީ މަރާލުން
- އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ޖަމާލް ހަޝޯގީ މަރާލީ ތުރުކީގައި ހުންނަ ސައުދީ ކޮންސުލެޓްގެ ތެރޭގައިއެވެ. އެތައް ދުވަހެއް ވަންދެން ހަޝޯގީ އެމްބަސީއިން ނިކުމެގެން ދިޔަކަމަށް ބުނުމަށް ފަހު ސައުދީން ވަނީ އޭނާ ކޮންސުލެޓް ތެރޭގައި ސައުދީ ރައްޔިތުންތަކެއް ވެގެން މަރާލި ކަމަށް އެއްބަސްވެފައެވެ. މި މަރުގެ ސަބަބުން ދުނިޔޭގެ ގައުމުތަކާއި ސައުދީއާއި އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. މީގެ އިތުރުން މި މައްސަލައިގައި ސައުދީ ވަލީ އަހުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވުނެއް ކަމަކު ސައުދީން ބުނަމުން އައިސްފަވަނީ ހަޝޯގީ މަރާލުމުގައި ވަލީ އަހުދު މުހައްމަދުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
8. ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވަކިކުރުން
- ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމުން ކުއްލި ގޮތަކަށް ރަނިލް ވިކްރަމަސިންހަ ވަކިކުރަން ރައީސް ސިރިސޭނާ ނިންމެވީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަނު ކުރުމަށް ފަހު މަޖިލިހުގެ އަގުލަބިއްޔަތު ނުލިބިގެން ސިރިސޭނާ މަޖިލިސް އުވާލެއްވުމަށް ފަހު އިންތިހާބެއް ބޭއްބުމަށް އަވަސް ވެގަތެވެ. ނަމަވެސް ސުޕްރީމް ކޯޓުން މި ނިންމުން ބާތިލުކުރުމަށް ނިންމުމާއި އެހެނިހެން ސަބަބުތަކާއި ހެދި ހުރެ މި މައްސަލަ ނިމިގެން ދިޔައީ ބޮޑު ވަޒީރުގެ މަގާމުން ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ފަހުއެވެ. ރަނިލް އަލުން ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވީ 16 ޑިސެމްބަރުގައެވެ.
9. ފަރަންސޭސްވިލާތުގައި ކުރި ޔެލޯ ވެސްޓް މުޒާހަރާ
ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ހަފްތާ ބަންދުގައި ކުރަން ފެށި މުޒާހަރާތައް ހޫނު ވެގެން ގޮސް ފަރަންސޭސްވިލާތުގެ ބައެއް ހިސާބުތަކުގައި، ހާއްސަކޮށް ވެރިރަށް ޕެރިހުގައި ހަމަނުޖެހުން ހިންގާ މުދަލަށް ގެއްލުންދީފައިވެއެވެ. މި މުޒާހަރާތައް ފެށުނީ ތެލުން ނަގަން އުޅޭ ޓެކްސް ބޮޑުކުރަން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ސަރުކާރުގެ ގިނަ ސިޔާސަތުތަކާއި މެދު ހިތްހަމަ ނުޖެހޭ މީހުން ޝުޢޫރުފާޅުކުރާ މުޒާހަރާތަކަކަށް ބަދަލުވެ ފްރާންސުގެ ސަރުކާރަށް ޖެހުނީ ނަގަން އޮތް ޓެކްސް ނެގުން މަޑު ކޮށްލާށެވެ. ފަރަންސޭސްވިލާތުގެ އެކި ހިސާބުތަކުގައި ކުރި މުޒާހަރާތަކުގައި ތިން ލައްކަ މީހުން ބައިވެރިވެފައިވެއެވެ.