ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 09:27
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ތެރެއިން
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޗެއާޕާސަންގެ އިންތިހާބު
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި 25801 މެމްބަރުން ވޯޓުލާފައިވޭ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމަށް ނިކުތް މެމްބަރުންގެ އަދަދާއި ގާތަށްވެސް، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއްގައިވެސް ވޯޓުލުމަށް ނުނިކުންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ކުރިއަށްގެންދިޔަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުން 25801 (ފަންސަވީސް ހާސް އަށް ސަތޭކަ އެއް) މެމްބަރުން ވަނީ އިންތިހާބުގައި ވޯޓުލާފަ އެވެ.  ޗެއަރޕާސަންކަމަށް ހަމައެކަނި ވާދަކުރެއްވި ޤާނޫނީ ވަކީލް ހަސަން ލަތީފަށް ތާއީދުކޮށް، 25545 (ފަންސަވީސް ހާސް ފަސް ސަތޭކަ ސާޅީސް ފަހެއް) މެމްބަރުން ވޯޓުލާފައިވެއެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުން ނިކުތުމާއި ގުޅިގެން އެކަން ފާހަގަކޮށް، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2018 ގައި ޕީޕީއެމްގެ ޕްރައިމަރީއެއް އޮތް ނަމަވެސް، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމަށް ނިކުތް މެމްބަރުންގެ އަދަދާ ގާތަށްވެސް ވޯޓުލާން މެމްބަރުން ނުނިކުންނާނެ ކަމަށެވެ.

 

 

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި، އަލީ ވަހީދު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ބޮޑު ތާއީދަކާއެކު، ޗެއާޕާސަންގެ މަޤާމަށް ހަސަން ލަތީފް އިންތިހާބުވެވަޑައިގެންނެވުމާއެކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއަރޕާސަން އަލީ ވަހީދު ވަނީ އޭނާ މަރުހަބާ ވިދާޅުވެފަ އެވެ.

 

އިންތިހާބު ކާމިޔާބު ކުރެއްވުމުން ހަސަން އަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ޗެއާޕާސަންގެ ހިންގުންތެރިކަމާއެކު އެމްޑީޕީ ވަރުގަދަވެ، ދިވެހިންނަށް ހައްގު މިންވަރު ހޯދައި ދެވޭނެ ކަމަށެވެ. އަދި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަނިކުފާނުގެ ޗެއާޕާސަންކަމުގައި އެމްޑީޕީއަށް ނުހަނު ކާމިޔާބާއި ވަރަށް ވެސް އުޖާލާ މުސްތަގުބަލަކަށް އެދޭ ކަމަށެވެ.

 

 

ހަސަން ލަތީފްވެގެންދާނީ އެމްޑީޕީގެ ފަސް ވަނަ ޗެއާރޕާސަންއަށެވެ.

- ކޮމެންޓް