ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 14:09
ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: އާސެނަލް އަތުން ލިވަޕޫލް ބޮޑު މޮޅެއް ހޯދިއިރު، ޓޮޓެންހަމް ބަލިވެއްޖެ
 
ޓޮޓެންހަމް ދެވަނައިގައި އޮތީ 45 ޕޮއިންޓާއެކު
 
ލިވަޕޫލް އެއްވަނައިގައި އޮތީ 54 ޕޮއިންޓާއެކު

ޕްރިމިއާ ލީގުގައި އާސެނަލް އަތުން ލިވަޕޫލް ބޮޑު ތަފާތަކުން މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާ ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލްއާ ވާދަކޮށް ލިވަޕޫލް މޮޅުވީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލް އިންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މައިޓްލޭންޑްއެވެ.

އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ލިވަޕޫލުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ރޮބާޓޯ ފިރްމީނޯއެވެ. އޭނާ ވަނީ ދެ މިނެޓު ފަހުން ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.

ލިވަޕޫލަށް ލީޑު ފުޅާކޮށް ދިނީ 32 ވަނަ މިނެޓުގައި ސާޑިއޯ މާނޭއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހުއެވެ.

ދެވަނަ ހާފް ފެށިގެން ވެސް ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކި އިރު، 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލިވަޕޫލްގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ ފިރްމީނޯއެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް އޮތީ ކުޅުނު 20 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ އެއް ވަނައިގައެވެ. މެޗުން ބަލިވި އާސެނަލް އޮތީ 32 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ ވޮލްވްސްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޓޮޓެންހަމްއިންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހެރީ ކޭންއެވެ.

އެހެން ނަމަވެސް ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް 72 ވަނަ މިނެޓުގައި ވޮލްވްސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޮލީއެވެ.

ވޮލްވްސް އިން މެޗުގެ ލީޑު ނެގީ 83 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ޖިމެނޭޒްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ވޮލްވްސްއަށް ލީޑު ފުޅާކޮށްދިނީ ހެލްޑާ ކޯސްޓާއެވެ.

މި ނަތީޖާއާ އެކު ޓޮޓެންހަމް އޮތީ ކުޅުނު 20 މެޗުން ލިބުނު 45 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން މޮޅުވި ވޮލްވްސް އޮތީ ކުޅުނު 20 މެޗުން ލިބުނު 29 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް