ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 09:38
އިންމަގެ ބެނާއެއް ގަލޮޅު ދަނޑުގައި
އިންމަގެ ބެނާއެއް ގަލޮޅު ދަނޑުގައި
ފޭސްބުކް
އިމްރާން ރިޓަޔާކުރުން
ޝުމައިކަލް އާއި ސަލްގާޑޯ ކުޅޭ އިންމަ ރިޓަޔާކުރާ މެޗު މިރޭ، ދަނޑު ފުރާލަދީ!
 
މެޗަށް ޓިކެޓު ވިއްކަމުން ދަނީ
 
މެޗު ފަށާނީ މިރޭ 9 ޖަހާއިރު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު އިމްރާން މުހައްމަދު (އިންމަ) ގައުމީ ޓީމުން ރިޓަޔާކުރާ މެޗު މިރޭ ކުޅޭއިރު، ދަނޑު ފުރާލަދިނުމަށް އޭނާ އެދިއްޖެއެވެ.

އިންމަ ރިޓަޔާކުރާ މެޗުގައި ބައްދަލުކުރާނީ އިންމަ ހޮވާލާފައިވާ ޓީމަކާއި، އެފްއޭއެމްއިން ހޮވާލާފައިވާ ޓީމެކެވެ.

އިންމަ ގައުމީ ޓީމަށް އަދާކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުޅޭ މި މެޗު އިތުރަށް ހާއްސަ ވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރުވެސް މެޗުގައި ކުޅުމެވެ. މި ދެ ކުޅުންތެރިން ކުޅޭނީ އެފްއޭއެމް ޓީމަށެވެ.

މެޗުގައި އިންމަގެ ޓީމުގައި ގިނައިން ހިމެނެނީ 2008 ޓީމުގެ ކުޅުންތެރިންނެވެ. އެއީ އައްސަދު އަބްދުލް ގަނީ އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އުމަރާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިގް (ޓޮމް) އާއި ސޮބާހު މުހައްމަދު އާއި މުހައްމަދު ޖަމީލް އާއި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި އަހުމަދު ސައީދު (އައްމަޓީ) އާއި މުހައްމަދު ސިފާން (ކުޑައްޓޭ) އާއި މުހައްމަދު އުމެއިރު އަދި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

މީގެއިތުރުން ހިމެނެނީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބްލީގައި އިންމައާއެކު ކުޅުނު ކުޅުންތެރިންނެވެ. އެއީ އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި ޝާހު އިސްމާއިލް (ސާޔާ) އާއި މުހައްމަދު އިބްރާހިމް (ކައްޕި) އާއި ތޮއްޑޫ މުހައްމަދު ނިޒާމް އާއި އަލީ ޝިހާމް (ހުރާ އައްޔަ) އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އާއި މައުސޫމް އަބްދުލްގަފޫރު (މާސޭ)، އަންވަރު އަލީ އާއި އަހުމަދު ޝާހިދު (ސާބެ) އެވެ.

އިންމަގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އޭނާ އަށް 2000 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައިދިން އޭރުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ. އެސިސްޓަންޓް ކޯޗުންނަކީ އެ މުބާރާތުން ފެށިގެން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ހަމަޔަށް ގައުމީ ޓީމުގެ އެސިސްޓަންޓުންގެ ގޮތުގައި ތިބި މުހައްމަދު ޝިޔާޒް (މޯހަން) އާއި އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. ގޯލްކީޕަރު ޓްރޭނަރަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެއް އިމްރާނަށް ތަމްރީނުދިން މުހައްމަދު އިގްބާލެވެ. މެނޭޖަރަކީ އެފްއޭއެމްގެ ކުރީގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަދި ގައުމީ ޓީމުގެ މެނޭޖަރުކަންކޮށްފައިވާ އަހުމަދު ޝާހިރެވެ.

އެފްއޭއެމް ޓީމުގައި ޝުމައިކަލް އާއި ސަލްގާޑޯގެ އިތުރުން ރާއްޖޭގެ ކުރީގެ ގިނަ ތަރިން ހިމެނެއެވެ.  އެއީ އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ވިލްދާން އާއި އިސްމާއިލް އަނިލް އާއި އަލީ ރަޝީދު (ސިލާޗީ) އާއި އަބްދުﷲ އާމިރު (އައްލޯ) އާއި މުހައްމަދު ނަޒީހާއި ފަންތޮށި މުހައްމަދު ނާޒިމާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި އަންވަރު އަބްދުލްގަނީ އާއި ކުރީގެ ގޯލްކީޕަރު މުހައްމަދު ޝިނާން (ނާނި) އާއި އަހުމަދު ނިއާޒް އަދި މުހައްމަދު އާތިފް އެވެ.

މިހާރުގެ ކުޅުންތެރިންގެ ތެރޭގައި ދާދި ފަހުން ބަންގްލަދޭޝްގައި ނިމިގެންދިޔަ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި އަލީ ފާސިރު (ސެންޓޭ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހިމެނެއެވެ.

މީގެއިތުރުން އެފްއޭއެމް ޓީމުގައި ހިމެނެނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އާއި އަދި އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

އެފްއޭއެމް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގު މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކާމިޔާބުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އެސިސްޓެންޓް ކޯޗުންނަށް ހަމަޖައްސާފައިވަނީ އަހުމަދު ޝާކިރާއި، ގައުމީ ޓީމުގައި ކުރިން މަސައްކަތްކޮށްފައިވާ އަލީ ނާޝިދު (އޮގަރު އައްޔަ) އާއި މުހައްމަދު ޝާޒްލީ އެވެ. އަދި މެނޭޖަރަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު މެނޭޖަރަކަށް މަސައްކަތްކުރި މުހައްމަދު ހާނިމެވެ.

މެޗަށް ޓިކެޓު ވިއްކަން ފަށާފައިވާއިރު، މިއަދު ހެނދުނު 10 އަކުން ފެށިގެން މިރޭ 10 ޖަހަންދެންވެސް ޓިކެޓު ވިއްކަމުންދާނެއެވެ. އެގޮތުން މެޗަށް ސިޑިބަރި ސަރަހައްދުން 50 ރުފިޔާއަށް ޓިކެޓެއް ވިއްކާއިރު، ގޮނޑިބަރި ސަރަހައްދުން ޓިކެޓެ ވިއްކާނީ 100 ރުފިޔާއަށެވެ.

މި މެޗުގައި ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ބަޔެއް އިންމަ ބޭނުންވާ ޖަމިއްޔާއަކަށް ހަދިޔާކުރުމުގެ ފުރުސަތު އެފްއޭއެމުން ދީފައިވާއިރު، އިންމަ ނިންމާފައި ވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ފައިސާ ހަދިޔާ ކުރުމަށެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރެވެ. މެޗުގައި ކުޅޭނީ 35 މިނެޓުގެ ދެހާފެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
67%
0%
0%
0%
33%
ކޮމެންޓް