އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ހަސަން ލަތީފް ކަށަވަރުކޮށްފައި ވަނީ 25545 މީހުންގެ ވޯޓުން ކަމަށް އެޕާޓީން ބުނެފިއެވެ.
ހުކުރު ދުވަހު މެންދުރު 2:00 އިން އިރުއޮއްސި 6:00 ކުރިއަށްދިޔަ އިންތިހާބުގައި 202 ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ. ޗެއާޕާސަންގެ މަގާމު ކަށަވަރުކުރަން މަދުވެގެން އެޕާޓީގެ 10 ޕަސެންޓް މެމްބަރުންގެ ތާއިދު ހޯދަން ޖެހޭއިރު، ވަގުތީ ނަތީޖާއިން ހަސަން ލަތީފަށް 25545 ވޯޓް ލިބިވަޑައިގެންފައިވެ އެވެ. އެ ވޯޓްފޮށިތަކަށް ޖުމުލަ 25801 މީހުން ވޯޓް ލާފައިވެއެވެ. އޭގެ ތެރެއިން ޗެއާޕާސަން ކަމަށް ހަސަން ލަތީފް އިންތިހާބު ކުރަން ނުފެންނަ ކަމަށް 167 މީހުން ވޯޓް ދިނެވެ. އަދި ބާތިލް 89 ވެސް ހިމެނެ އެވެ.
ޗެއާޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުމުނެވެ.
މި އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ކޮލަމްބޯގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކޮލަމްބޯގައި ވޯޓް ލައްވާފައެވެ.
މާލޭގައި ދިރިއުޅޭ އެޕާޓީގެ މެމްބަރުން ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮއްޓެއް ބެހެއްޓި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހަސަން ލަތީފް ކުރިމަތިލެއްވުމުގެ މައިގަނޑު ސަބަބަކީ ސިޔާސީ މަސައްކަތަށް ފަހިވާނެ ގޮތަށް ޕާޓީގެ އިދާރީ ހިންގުން ވަރުގަދަކުރުއްވުން ކަމަށް އޭނާ ވިދާޅުވެއެވެ.
ޗެއާޕާސަންގެ މަގާމް ހަސަން ލަތީފް ކަށަވަރުކުރުމުން އޭނާ ވަގެންދާނީ އެޕާޓީގެ ފަސް ވަނަ ޗެއާޕާސަނަށެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ޗެއާޕާސަނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެއެވެ.